މޯލްޑިވްސް ރިފޯމް މޫވްމަންޓް، އެމްއާރުއެމްގެ ސްލޮޓްތަކުގައި ސަރުކާރުގެ އެކި މަގާމުތަކުގައި ތިއްބެވި ގިނަ މެންބަރުންތަކެއް އެ ޕާޓީން ވަކިވި ނަމަވެސް އެ މެންބަރުން ސަރުކާރުގެ މަގާމުތަކުގައި ދެމިތިބުމަށް އެޕާޓީން އެދިއްޖެއެވެ.

އެމްއާރްއެމްގެ އެކްސްކޯގެ 8 މެންބަރަކު އެޕާޓީން އިއްޔެ ވަނީ އިސްތިއުފާ ދެއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ ސަރުކާރުގެ ކުންފުނިތަކުގެ ވެރީންގެ ގޮތުގައި ތިއްބެވި ބޭފުޅުންނާއި ސިޔާސީ އެހެން މަގާމުތަކުގައި ތިއްބެވި ބޭފުޅުންނެވެެ. އެ ހުރިހާ ބޭފުޅުންނަކީވެސް އެމްއާރްއެމަށް ސަރުކާރުގެ ތެރެއިން ލިބުނު ސްލޮޓްތަކުގައި މަގާމު ހޯއްދަވައިގެން ތިއްބެވި ބޭފުޅުންނެެވެ.

ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމްގެ އެމްއާރްއެމުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ މެންބަރުން ވަކިވުމަކީ ވަރަށް ބޮޑު ހިތާމައެއް ކަމަށެވެ. އަދި އެ މެންބަރުން ސަރުކާރުގެ މަގާމުތަކަށް ހަމަޖެއްސުމަށް ފޮނުވީ އެއީ ގާބިލް ބޭފުޅުންނަށް ވާތީ ކަމުން ޕާޓީގެ އެދުމަކީ މިހާރު ތިއްބެވި ސަރުކާރުގެ މަގާމުތަކުގައި ދެމިތިއްބެވުން ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

އެމްއާރުއެމުން އިތުރަށް ބުނީ އެޕާޓީ ފެށިގެން އައީ އަދި ކުރިއަށް ދާނީވެސް ގައުމީ މަސްލަހަތު އިސްކޮށް ރައްޔިތުންގެ ލާބައާއި މަންފާއަށް މަސައްކަތް ކުރަމުން ކަމަށެވެ. އެ މަގުސަދު ހާސިލު ކުރުމަށް ހުއްޓުމެއް ނެތި މަސައްކަތް ކުރާނެ ކަމުގެ ޔަގީންވެސް އެޕާޓީން ވަނީ ދީފައެވެ.

އެމްއާރްއެމުން އިސްތިއުފާ ދެއްވި މެންބަރުންނަކީ؛



ތަޒްމީލް އަބްދުއްސަމަދު - އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރު



މުހައްމަދު ރާއިދު - އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރު



މުހައްމަދު ފައިސަލް - ޑެޕިއުޓީ އެމްބެސެޑަރު / ޔޫއޭއީ



އަބްދުލް ހަމީދު އަހްމަދު - ސީނިއާ އެގްޒެކްޓިވް ޑައިރެކްޓަރު



ޝަޒައިލް ޝިއާމް - މޯލްޑިވްސް ގޭސްގެ މެނޭޖިން ޑިރެކްޓަރު



އިބްރާހިމް ފަރުހާދު - ސީނިއާ ޕޮލިސީ ޑިރެކްޓަރު



އިސްމާއީލް ނާއީލް ނަަޝީދު - ޑިރެކްޓަރު ކޮމިއުނިކޭޝަން / ހެރިޓޭޖް މިނިސްޓްރީ



ހަސަން ރައްޔާން އަހްމަދު - އެކްސްކޯ މެންބަރު

އެމްއާރުއެމް އިން އިސްތިއުފާ ދެއްވި މެމްބަރުން ވަނީ ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ތާއީދު ކުރާކަން އިއުލާންކޮށްފައެވެ. އިސްތިއުފާ ދެއްވި މެންބަރުން އެކުވެ ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހީލަތްތެރި މަގުސަދުތަކެއް ހާސިލް ކުރުމަށްޓަކައި މަސައްކަތް ކުރާ ބަޔަކު އެމްއާރްއެމް “ހައިޖެކް” ކޮށްފައިވާ ކަމަށެވެ. އެބަޔާނުގައި ބުނިގޮތުގައި އެމްއާރްއެމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ސަރުކާރުގައި މި ހިނގާ ދައުރުގައި، މި ސަރުކާރު ވެރިކަމަށް ގެނައުމަށް މުހިއްމު އަދި ބުރަ މަސައްކަތްތަކެއް ކޮށްފައިވާ ޕާޓީއެއެވެ.

އެހެން ނަމަވެސް ފަހަކަށް އައިސް އެޕާޓީގެ ބައެއް މެންބަރުންގެ ފަރާތުން ފެނިގެން ދަނީ ކޯލިޝަންގައި ދެމި ތިބެމެ، ރައީސް އިބްރާހީމް މުހައްމަދު ސޯލިޙާއި އެމަނިކުފާނުގެ ސަރުކާރާއި ދެކޮޅަށް މަސައްކަތް ކުރާތަން ކަމަށް ބަޔާނުގައި ވަނީ ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު