ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި ޗާގޯސްއާ ގުޅޭގޮތުން ގެންގުޅުނު ސިޔާސަތަށް ބަދަލެއް ނުގެންނަވާކަމަށް ކުރީގެ ހާރިޖީ ވަޒީރު އަހުމަދު ޝަހީދު ވިދާޅުވެއްޖެއެވެ.

ޑރ. ޝަހީދު މިހެން ވިދާޅުވީ ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ފުރަތަމަ ބަދަލުކުރީ 2010ގައި އޭރުގެ ފޮރިން މިނިސްޓަރ ޝަހީދުކަމަށް ވިދާޅުވެ އާޒިމާ ޝަކޫރު ވާހަކަދެއްކެވުމާއި ގުޅިގެނެވެ.

ޗާގޯސް މައްސަލައިގައި ރާއްޖޭގެ ސިޔާސަތު ފުރަތަމަ ބަދަލުކުރީ 2010ގައި އޭރުގެ ފޮރިން މިނިސްޓަރ ޝަހީދުކަމަށް ވިދާޅުވެ އާޒިމާ ވާހަަކަދެއްކެވީ އެންމެފަހުން އިިދިކޮޅު ފަރާތްތަކާއެކު ބޭއްވި ބައްދަލުކުރެއްވުމުގައެވެ.

އާޒިމާގެ ވާހަކަތަކަށް ރައްދު ދެއްވަމުން ޑރ. ޝަހީދު ވިދާޅުވީ ޗާގޯސްގެ މައްސަލައިގައި ރާއްޖެއިން ގެންގުޅުނު ސިޔާސަތު ބަދަލުކޮށްފައި ނުވާނޭކަމަށެވެ.

ޝަހީދު ވިދާޅުވީ 16 ޑިސެމްބަރު 1965 އިން ފެށިގެން ރާއްޖެއިން ގެންގުޅުނު ސިޔާސަތަކީ ޗާގޯސްއަކީ މޮރިޝަސްއަށް ލިބެންޖެހޭތަނެއްކަމަށް ބުނާ ސިޔާސަތުކަމަށެވެ. އަދި އެ ނޫން ވަގުތުތަކުގައިވެސް ރާއްޖެއިން ހާމަކޮށްފައިވަނީ އެ ސިޔާސަތުކަމަށް ޝަހީދު ވިދާޅުވިއެވެ.



ޝަހީދު ވިދާޅުވީ އީއީޒެޑާއި ބެހޭގޮތުން މޮރިޝަސްއާއެކު ކުރާނެ މަޝްވަރާއެއް ނެތްކަމަށް 2010ގައިވެސް ބުނެފައިވާކަމަށެވެ. އަދި އެކަން ބަދަލުވާނީ އިނގިރޭސިންގެ އަތުން ޗާގޯސް މޮރިޝަސްއަށް ލިބުނު ދުވަހަކުންކަމަށްވެސް ބުނެފައިވާނޭކަމަށް ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ 2010 ވަނަ އަހަރު މޮރިޝަސްއާއެކު ވާހަކަތައް ބޭއްވީ ދެ ޤައުމުގެ ގުޅުން ބަދަހިކުރަންކަމަށާއި، އީއީޒެޑް ބަހާކަށް ނޫންކަމަށެވެ. އަދި ކަންކަން ރަނގަޅަށް ދިރާސާނުކޮށް ފަތުވާ ނެރުމަކީ ވަރަށް ދެރަކަމެއްކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.

ޗާގޯސް މައްސަލައިގައި ސަރުކާރަށް ކިޔާ ފާޑު ކިޔުންތަކަށް ސަރުކާރުގެ އޮފިޝަލަކަށް ނުވިޔަސް، ސަރުކާރުގެ އޮފިޝަލުންނަށްވުރެ ރަނގަޅަށް ޑރ. ޝަހީދު ގެންދަވަނީ ރައްދު ދެއްވަމުންނެވެ.

އދގެ އިސް މަޤާމުތަކެއް އަދާކުރައްވާފައިވާ އަދި ރައީސް ސާލިހުގެ ސިޔާސަތަށް މީގެކުރިން ފާޑު ވިދާޅުވެފައިވާ ޑރ. ޝަހީދު ވިދާޅުވާ ގޮތުގައި ޗާގޯސް މައްސަލައިގައި ރައީސް ސާލިހުގެ ސަރުކާރުން ހޯދާފައިވަނީ ބޮޑު ކާމިޔާބީއެކެެވެ. އަދި ސަރުކާރަށް ޝުކުރާއި ތައުރީފް ހައްގު ކަންކަމަށާއި އެކަން ފާހަގަކުރަން ޖެހޭކަމަށްވެސް ޝަހީދު ވިދާޅުވިއެވެ.

ޝަހީދު ވިދާޅުވީ ޗާގޯސް މައްސަލައިގައި ރާއްޖެއިން ހޯދާފައިވަނީ ރާއްޖެއަށް ހޯދެން އޮތް އެންމެ ބޮޑު މޮޅު ކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު