ދެކުނު އޭޝިޔާގައި އެންމެ ބާރަށް ކުރިއަރަނީ ރާއްޖޭގެ އިޤްތިޞާދު ކަމަށާއި މިއަހަރުވެސް ރާއްޖޭގެ އިޤްތިޞާދަށް 6.6 އިންސައްތައިގެ ކުރިއެރުމެއް ލިބިގެންދާނެކަމަށް ވޯލްޑް ބެންކުން ބުނެފިއެވެ.

ވޯލްޑް ބެންކުން ނެރުނު މޯލްޑިވްސް ޑިވެލޮޕްމަންޓް އަޕްޑޭޓް، އެމްޑީޔޫ" ގައި ބުނީ މިދިޔަ އަހަރު ރާއްޖޭގެ އިޤްތިޞާދަށް 12.3 އިންސައްތައިގެ ކުރިއެރުމެއް ލިބިފައިވާކަމަށެވެ.

ވޯލްޑް ބެންކުން ބުނީ ރާއްޖޭގެ އިޤްތިޞާދަށް ކުރިއެރުން ލިބުނީ ފަތުރުވެރިކަން ކުރިއެރުމުން ރިއަލް އެސްޓޭޓް، ޓްރާންސްޕޯޓް އަދި ޓްރޭޑްގެ ސިނާއަތް ކުރިއަރައިގެންކަމަށެވެ.

ވޯޯލްޑް ބެންކުން ނެރުނު ރިޕޯޓްގައި ވާގޮތުން ސަރުކާރުން އެޅި ހަރުދަނާ ފިޔަވަޅުތަކާއެކު ރާއްޖޭގެ އިޤްތިސާދު ވަނީ ކޯވިޑްގެ ކުރިން ހުރި ހިސާބަށް އިއާދަވެފައެވެ. އަދި ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވަމުންދިއުމުގެ ސަބަބުން އިޤްތިޞާދީ ކުރިއެރުން ރާއްޖެއަށް ދެމެހެއްޓޭނެކަމަށްވެސް ރިޕޯޓްގައިވެއެވެ.



ފަތުރުވެރިކަމުގެ ދާއިރާއަކީ ރާއްޖޭގެ އިޤްތިޞާދުގެ ބޮޑުބައެއްކަން ފާހަގަކުރަމުން ވޯލްޑް ބެންކުގެ ރިޕޯޓްގައި ބުނީ، ކޯވިޑްގެ ކުރިން އޮތް ހިސާބަށް ފަތުރުވެރިކަމުގެ ސިނާއަތް ގޮސްފައިވާކަމަށެވެ. އަދި އެއީ އިންޑިއާ، ރަޝިޔާ އަދި ގަލްފުގެ ޤައުމުތަކުން ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އިތުރުވުންކަމަށްވެސް ރިޕޯޓްގައި ފާހަގަކޮށްފައިވެއެވެ. މީގެއިތުރުން ފަތުރުވެރިކަމުން ހޯދާ ކުރިއެރުންތައް އިތުރުވެ، މިދިޔަ އަހަރާއި އަޅާބަލާއިރު މިއަހަރު 7.1 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށްވެސް ރިޕޯޓްގައިވެއެވެ.

ރާއްޖެއަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ޤައުމެއްކަން ފާހަގަކުރަމުން ވޯލްޑް ބެންކުން ބުނީ ދުނިޔޭގެ ބާޒާރުގައި ތަކެތީގެ އަގު އުފުލުމަކީ ރާއްޖޭގެ އިގްތިސާދަށްވެސް އެކަމުގެ ސަބަބުން އަސަރުތަކެއް ކުރާނެކަމެއްކަމަށެވެ. ނަމަވެސް ސަރުކާރުން ދޭ ސަބްސިޑީއާއެކު އެކަމުގެ ސަބަބުން ރައްޔިތުންނަށް ކުރާ އަސަރު ކުޑަވާނެކަމަށް ރިޕޯޓްގައި ވެއެވެ.

ވޯލްޑް ބެންކުގެ ރިޕޯޓްގައި ސަރުކާުރުން ޓެކްސް ރޭޓަށް ގެންނެވި ބަދަލުތަކަށްވެސް ވަނީ ތައުރީފްކޮށްފައެވެ. އަދި އެކަމުގެ ސަބަބުން ދައުލަތުގެ މާލިއްޔަތަށް ކުރިއެރުންތަކެއް ލިބޭނެކަމަށްވެސް ވޯލްޑް ބެންކުން ޤަބޫލުކުރެެއެވެ.

ވޯލްޑް ބެންކުން ބުނީ ރާއްޖެއަށް އަންނަ ކުރިއެރުންތަކާއެކު، އަންނަ އަހަރު ރާއްޖޭގެ އިޤްތިޞާދު 6 އިންސައްތައިގެ ކުރިއެރުމެއް ލިބޭނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު