ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކޭ-ޕާކު ރެސިޑެންސްއިން ފްލެޓް ގަތް މީހުންގެ ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ފުލުހުން އަންގައިފިއެވެ.

ފުލުުހުން މިހެން ބުނީ ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކޭ-ޕާކްއިން ފްލެޓް ރެަސިޑެންސްގެ އެޕާޓްމަންޓްތައް ހަންބޯ ކުންފުނީގެ ނަމުގައި ސައްހަ ނޫން ލިޔެކިޔުންތައް ބޭނުންކޮށްގެން އެޕާޓްމަންޓްތައް އާއްމުންނަށް ވިއްކަމުންދާކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

ފުލުހުން ބުނީ އެ ކުންފުނީގެ ނަމުގައި ފްލެޓް ވިއްކައި، އެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ ކަމަށް ތުހުމަތުކުރެވިގެން ހުށަހަޅާފައިވާ މައްސަލަ ތަހުޤީޤް ކުރަމުންދާކަމަށެވެ. އެހެންކަމުން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި އިމާރާތްކުރަމުންދާ ކޭ-ޕާކް ފްލެޓް ރެަސިޑެންސްއިން ފްލެޓް ގަތް މީހުންގެ ޝަކުވާއެއް އޮތްނަމަ ހުށަހަޅަން ފުލުހުން ވަނީ އެދިފައެވެ.

މި މައްސަލައާ ގުޅިގެން ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ހުޅުމާލޭގައި ތަރައްގީކުރަމުން އަންނަ "ކޭޕާކް ރެސިޑެންސް"އާ ގުޅޭ މައްސަލަތަކެއްގެ ތަހުޤީޤު ކުރާތީ ކުންފުނީގެ ރާއްޖޭގެ އެޖެންޓް ހަސަން މަމްދޫހުގެ ޕާސްޕޯޓްވެސް ވަނީ ހިފަހައްޓާފައެވެ.

މިމައްސަލަ ތަހުގީގުކުރުމަށް ފުލުހުންނަށް އަރބަންކޯގެ ފުރިހަމަ އެއްބާރުލުން ދޭނެކަމުގެ ޔަގީންކަން އަރުވާކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ.

މި މަސައްކަތުގެ ރާއްޖޭގެ އެޖެންޓް ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓުގެ 95 ޕަސަންޓް ހިއްސާދާރަކީ އަދި މެނޭޖިން ޑިރެކްޓަރަކީ ޗައިނާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޖިން ޝިހޫއެވެ. އަދި ފަސް ޕަސެންޓް ހިއްސާދާރަކީ މަންޑޭއެވެ.

ކޭޕާކުގެ މަސައްކަތްކުރާ މައި ކުންފުނިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ މަކަރާއި ހީލަތުން ގިނަ ބަޔަކަށް ފްލެޓް ވިއްކައި، އެމީހުންގެ އަތުން މަންޑޭ ފައިސާ ނަގާފައިވާ ކަމަށެވެ. އެގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާގައި ކޭޕާކްގެ އެކައުންޓް ހުޅުވާފައިވާއިރު ކުންފުނީގެ އެމްޑީއަށް ނޭނގި އޭނާގެ ސޮއި ފޯޖުކޮށްގެން ބޭންކް އޮފް މޯލްޑިވްސްގައި ރުފިޔާ އަދި ޑޮލަރު އެކައުންޓެއް މަންޑޭ ހުޅުވައިގެން ކަސްޓަމަރުންގެ އަތުން ފައިސާ ހޯދި ކަމަށް ބަޔާނުގައިވެއެވެ.

ބަޔާނުގައި ބުނެފައިވަނީ، މަކަރާއި ހީލަތާ އޮޅުވާލުމުގެ ތެރެއިން ގިނަބަޔަކަށް ފްލެޓް ވިއްކައި އެމީހުންގެ އަތުން މަންޑޭ ވަނީ ފައިސާވެސް ނަގާފައި ކަމަށެވެ. އަދި ފްލެޓްތައް ވިއްކިއިރު ޖިން ޝިހޫގެ ސޮއި ފޯޖުކޮށްފައިވާ ލިޔުންތަކެއް ހަދައި، ވިއްކި ފްލެޓްތަކުގެ އެއްބަސްވުންތަކުގައި މަންޑޭގެ އިތުރުން ޖައިޝަން ސައީދު ކިޔާ މީހަކު ސޮއިކޮށްފައިވާ ކަމަށް ބަޔާނުގައިވެ އެވެ.

ޖައިޝަން އަކީ ކޭޕާކާއެކު މަަސައްކަތް ކުރާ ދިވެހި ކުންފުނިތަކުގެ ތެރޭގައި ހިމެނޭ ކޯދި އިންވެސްޓްމަންޓްސްގައި މަންޑޭގެ އިތުރުން ހިމެނޭ ހިއްސާދާރެކެވެ. އެހެންކަމުން މި މައްސަލައިގެ ޖިނާއީ ތަހުގީގެއް ކޮށްދިނުމަށް އެދި ކުންފުނީގެ މައި ހިއްސާދާރު ޗައިނާގެ ޖިން ޝިހޫ ވަނީ މައްސަލަ ޕޮލިހަށް ހުށަހަޅައިފައެވެ. އަދި އާބަންކޯގެ ސަމާލުކަމަށްވެސް އެކަން ވަނީ ގެނެސްފައެވެ.

ހަންބޯ ޓެކް ކޮރެއާގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، އެކި ސަބަބުތަކާ ހުރެ ރާއްޖޭގެ އޭޖެންޓް، (ހަންބޯ ކޮމްޕެނީ ޕްރައިވެޓް ލިމިޑެޓާ) އާއެކު މަސައްކަތް ކުރެވެން ނެތުމުން އެ ކުންފުންޏާއެކު އޮތް އެއްބަސްވުން އުވާލާފައިވާ ކަމަށެވެ. އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުން ނިންމި މި ނިންމުމާ ގުޅިގެން ކޭޕާކް ޕްރޮޖެކްޓަށް އެއްވެސް އަސަރެއް ނުކުރާނެ ކަމުގެ ޔަގީންކަން ހަންބޯ ޓެކް ކުންފުނީގެ ބަޔާނުގައި ދީފައިވެއެވެ.

ކޭ-ޕާކް ކޮންޑެމީނިއަމްގެ މަސައްކަތް ފެށީ 2017 ވަނަ އަހަރު އެވެ. ހުޅުމާލޭގެ ސެންޓްރަލް ޕާކުގެ ހުޅަނގު ފަރާތުގައި 14 ބުރިއަށް އިމާރާތް ކޮށްފައިވާ ކޭ ޕާކް ރެޒިޑެންސް އަކީ 110 އެޕާޓްމަންޓްގެ އިމާރާތެކެވެ. މީގެތެރޭގައި ހިމެނެނީ ދެ ކޮޓަރި އާއި ތިން ކޮޓަރީގެ އެޕާޓްމެންޓްތަކެވެ. ކޭޕާކް ރެސިޑެންސް ބިލްޑިން ހިމެނޭ ބިމަކީ 21،000 އަކަފޫޓްގެ ބިމެކެވެ. އެ ބިލްޑިންގުގައި މީހުން ދިރިއުޅޭ އެޕާޓްމެންޓްތައް ހުންނާނީ 11 ބުރިއެއްގަ އެވެ. އިމާރާތުގެ ބޭސްމަންޓް ޕާކިން އަށް ހާއްސަ ކޮށްފައިވާއިރު ފުރަތަމަ ދެ ބުރި ހާއްސަކޮށްފައި އޮންނާނީ ކޮމާޝަލް ބޭނުން ތަކަށެވެ.



ކިޔުންތެރިންގެ ހިޔާލު