ނ. މަނަދޫގައި މަރުވެފައި އޮއްވާ ފެނުނު ނަޢީމާ މޫސާގެ މަރަށް މަހެއް ފުރުނުއިރުވެސް އެ މައްސަލައިގެ ތަހުޤީޤަށް މާބޮޑު ކުރިއެރުންތަކެއް ނުލިބޭތީ ބައެއް ފަރާްތްތަކުގެ ފާޑު ކިޔުން އަމާޒުވެއްޖެއެވެ.

ނަޢީމާ މޫސާ މަރުވެފައި އޮއްވާ ފެނުނީ މިމަހުގެ 7 ވަނަ ދުވަހު އޭނާ ދިރުއުޅޭ ގެއިންނެވެ. ނައީމާ މޫސާގެ މަރުގައި ތުހުމަތުކުރެވޭ ކަންތައްތަކެއް ހުރުމުން އޭނާގެ މަރުގެ މައްސަލަ ފުލުހުން ތަހުގީގްކުރަމުންދަނީ ނައީމާ މަރާލިކަމަށް ބަލައިގެންނެވެ. އެގޮތުން ނައިމާގެ މަރުގެ ތަހުޤީޤަށް ފުލުހުންގެ ހާއްސަ ޓީމެއް ދަނީ މަނަދޫގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް މިހާތަނަށް އައިއިރު އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.

ނައިމާގެ މަރުގެ ތަހުޤީޤާއި ގުޅޭގޮތުންވެސް ފުލުހުން މިހާތަނަށް އެއްވެސް މައުލޫމާތެއް ތަފްސީލީ ގޮތެއްގައި ހާމަކޮށްފައެއް ނުވެއެވެ.

މަނަދޫގައި ޕޮލިހުން ހަރަކާތްތެރިވަމުންދާއިރު، ރަށުގެ އެކި މީސްމީހުންގެ ފޮރެންސިކް ސާމްޕަލްތައް އަންނަނީ ނަގަމުންނެވެ. އެގޮތުން މިހާތަނަށް 100 އަށްވުރެ ގިނަ މީހުންގެ ސާމްޕަލް ނަގާފައިވާކަމަށް އެ ރަށުން މައުލޫމާތުދިން މީހަކު ބުންޏެވެ. ނަމަވެސް އެކަން ކުރަނީ އެއްވެސް މީހަކާ މެދު ތުހުމަތެއް އޮވެގެން ނޫންކަން ރައްޔިތުންނަށް ވަނީ އަންގާފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު މީގެކުރިން ވިދާޅުވީ ނަޢީމާ މޫސާގެ މަރުގެ ތަޙުޤީގުގައި ހަރަކާތްތެރިވާ ފުލުހުންނާމެދު ފުރިހަމަ އިތުބާރު އެބައޮތްކަމަށެވެ.

ހަމީދު ވިދާޅުވީ ނައީމާ މަރާލި މީހާ ނުވަތަ މީހުން ހޯދުމަށް ފުލުހުންގެ ތަހުގީޤު ޓީމުން ވަރުބަލިކަމެއް ނެތި މަސައްކަތްކުރަމުން ދާކަމަށެވެ.

"ނައީމާގެ މަރުގެ ފަހަތުގައި ތިބި މީހުން ހޯދުމަށް އަޅުގަނޑުމެންގެ އޮފިސަރުން މަނަދޫގައި ވަރުބަލިކަމެއް ނެތި ދަނީ ހަރަކާތްތެރިވަމުން. އިންވެސްޓިގޭޓަރުން، ފޮރެންސިކް އަދި ރަށުގެ ފުލުހުންނާއިމެދު ފުރިހަމަ ޔަގީންކަން އެބައޮތް." ސީޕީ ވިދާޅުވިއެވެ.

ނައީމާގެ މަރާ ގުޅިގެން ހިންގާ ތަހުގީގުގައި ފުލުހުން ވަނީ ނައީމާ ދިރިއުޅުނު ގެ ހިމެނޭ ސަރަހައްދު ބަންދުކޮށް ބަލައިފާސްކޮށްފައެވެ. އޭގެއިތުރުން މަނަދޫގެ ބައެއް އެހެން ސަރަހައްދުތައްވެސް ބަލައިފާސްކޮށްފައިވެއެވެ.

ނައީމާގެ މަރާ ގުޅޭގޮތުން ފުލުހުން ނެރުނު ނޫސް ބަޔާނުގައި ބުނެފައިވަނީ އޭނާގެ މަރުގައި ތުހުމަތު ކުރެވޭ ކަންތައްތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި، މައްސަލައިގެ ތަހުގީގު ކުރިއަށް ގެންދަނީ ހޮމަސައިޑް އިންވެސްޓިގޭޝަނެއްގެ ގޮތުގައިކަމަށެވެ. ނަމަވެސް ގިނަ ބަޔަކު ސުވާލުކުރަމުން އަންނަނީ މިކަމުގައި ކުރިއެރުންތަކެއް ނުހޯދޭތީއެވެ.

ނައީމާ ގެ ހަށިގަނޑު ބަލައި، ތަހުލީލުތަކަށް ބޭނުންވާ ސާމްޕަލް ނެގުމަށް ފަހު އޭޕްރީލް 08 ވަނަ ދުވަހު ހަވީރު އޭނާ ވަނީ ވަޅުލާފައެވެ. އެހެން މަރުތަކާއި ހިލާފަށް ނައީމާ ވަޅުލާފައިވަނީ ޕޯސްޓްމޯޓަމް ހެދުމެއް ނެތިއެވެ. ފުލުހުން ބުނީ ހަށިގަނޑު ވަޅުލާފައިވަނީ އިތުރަށް ޕޯސްޓްމޯޓަމް ހަދަން ޖެހޭ ސަބަބެއް ނެތްކަމަށް ފުލުހުންގެ ފޮރެންސިކް ޕެތޮލޮޖިސްޓް ނިންމާފައިވާތީކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު