ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް ސެކިއުރިޓީ ދިނުމަށް މިހާރު ވެސް 52 މިލިއަން ރުފިޔާ ޚަރަދުކުރާ ކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ދިން ބޮމުގެ ހަމަލާއަށް ދެ އަހަރު ފުރުމާއި ދިމާކޮށް އެމަނިކުފާނަށް އިންސާފު ހޯދައިދެވިފައިނުވާ ކަމަށާއި ސެކިއުރިޓީ ފޯރުކޮށްދިނުމުގައި ސަރުކާރުން އިހުމާލުވެފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކާއި ގުޅިގެންނެެވެ. އެކަމާ ގުޅިގެން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވީ، ދައުލަތުގެ ވެރިންގެ ތެރެއިން ސެކިއުރިޓީއަށް އެންމެ ބޮޑު ޚަރަދެއް ދައުލަތުން ކުރަނީ ރައީސް ނަޝީދަށް ކަމަށެވެ.

އެގޮތުން ނަޝީދަށް ސެކިއުރިޓީ ދިނުމަށް މިހާރު ވެސް 52 މިލިއަން ރުފިޔާ ޚަރަދުކުރާ ކަމަށާއި އެވަރުން ވެސް ސެކިއުރިޓީ ދޭކަމަށް ނުވާއިރު ދައުލަތުގެ ބަޖެޓް ހުސްކޮށްލިއަސް އެމަނިކުފާނަށް ސެކިއުރިޓީ ދޭ ކަމަށް ނުވާނެ ކަމަށް ޝަރީފް ވިދާޅުވިއެވެ. ޝަރީފް ވިދާޅުވީ ފުލުހުންގެ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ރައީސް ނަޝީދަށް ހަމަލާދިން މައްސަލައިގެ ތަހުގީގުކޮށް އެމައްސަލައިގެ ތުހުމަތުކުރެވޭ މީހުން ހައްޔަރުކޮށް، ދައުވާކޮށް ޝަރީއަތް ހިނގަމުންދާ ކަމަށެވެ. އެހެން ނަމަވެސް ބައެއް މީހުންނަށް އެއީ ނަޝީދަށް "އިންސާފު ހޯދައިދިނުން" ކަމަށް ނުވާ ކަމަށް ޝަރީފް ވިދާޅުވިއެވެ.

"ހަސަން ކުރުސީ ކުރި ޓުވީޓަކާއި ގުޅިގެން މެމްބަރު ޒަރީރަށް މަރުގެ ހަމަލާއެއް ދިނީމާ ވެސް މަޖިލިހުން އެއްވެސް ސެކިއުރިޓީ އެއް ނުދިން." ދާދިފަހުން ކެފޭއެއްގައި އިންނަވަނިކޮށް ގުރޫޕަކުން ވަދެ މެމްބަރު ޒަރީރަށް ދިން ހަމަލާ އާއި ގުޅިގެން ޝަރީފް ވިދާޅުވިއެވެ.

ރައީސް ނަޝީދަށް އަމާޒުކޮށް ބޮމުގެ ހަމަލާ އެއްދީފައިވަނީ 2021 ވަނަ އަހަރުގެ މޭ 6 ވަނަ ދުވަހުގެ ރޭ 8:27 ހާއިރު ގ. ކެނެރީގެއިން އެމަނިކުފާނު ބޮޑީގާޑުންނާއެކު ނުކުމެވަޑައިގެން ކާރުކޮޅާ ދިމާއަށް ވަޑައިގަންނަވަނިކޮށް ސައިކަލެއްގައި ހަރުކޮށްފައިވާ އައިއީޑީއެއް ގޮއްވާލައިގެންނެެވެ. އެހަމަލާގައި ނަޝީދުގެ ފުރާނަފުޅަށް ނުރައްކާވާވަރުގެ ސީރިއަސް ބޮޑެތި ޒަޚަމްތަކެއް ވަނީ ލިބިވަޑަައިގެންނެވިއެވެ. އެ ޒަޚަމްތަކާއި ގުޅިގެން އޭޑީކޭ ހޮސްޕިޓަލުންނާއި ޖަރުމަނާއި، އިނގިރޭސި ވިލާތުގައިވެސް އެމަނިކުފާނު ފަރުވާ ހޯއްދެވިއެވެ.



ކިޔުންތެރިންގެ ހިޔާލު