ރާއްޖޭން ބަލިތައް ކޮންޓްރޯލްކޮށް އަދި ބައެއް ބަލިތައް ނައްތާލުމުގެ އެންމެ ބުރަ އެންމެ އަސާސީ މަސައްކަތްތައް ކުރީ ޕްރައިމަރީ ހެލްތުކެއަރގެ ތެރެއިން ކަމަށް ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވެއްޖެއެެވެ.

ނަސީމް މިހެން ވިދާޅުވީ ދިވެހިރާއްޖޭގެ ޕްރައިމަރީ ހެލްތް ކެއަރ އާލާކޮށް ހަރުދަނާ ކުރުމުގެ މަސައްކަތްތައް ފ.އަތޮޅުގައި ފެށުމަށް އެއަތޮޅުގެ ވެރިކަން ކުރާ ނިލަންދޫގައި ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ރާއްޖޭން ބަލިތައް ކޮންޓްރޯލްކޮށް އަދި ބައެއް ބަލިތައް ނައްތާލުމުގެ އެންމެ ބުރަ އެންމެ އަސާސީ މަސައްކަތްތައް ކުރީ އެ ނިޒާމުގެ ތެރެއިން ކަމަށެވެ. އެހެން ނަމަވެސް ސިއްހީ މަރުކަޒުތައް ބިނާ ކުރެވި ގިނަ ޚިދުމަތްތައް ރައްޔިތުން މަރުކަޒަށް އައިސްގެން ހޯދާގޮތަށް ބަދަލުވެ، ޕްރައިމަރީ ހެލްތު ކެއަރ އަށް އިހުމާލުވެ ފަރުވާ ކުޑަކުރެވުމުގެ ނަތީޖާއަކަށް ވެގެން ދިޔައީ، ސިއްހީ މައުލޫމާތާ ދުރުވެ، ދުރާލާ ބަލިތަކުން ރައްކާތެރިވުމުގެ ވިސްނުމާ ވެސް ދުރުވި ކަން، ކަމަށް ނަސީމް ވިދާޅުވިއެވެ.

"އެނގިވަޑައިގަންނަވާނެ ރައްޔިތުންގެ ޞިއްހީ ޙާލަތު ބަލާ ޞިއްޙީގޮތުން ދޭންޖެހޭ ލަފާއާއި އިރުޝާދު ދިނުމަށް ހެލްތު ވޯރކަރުން ކުރީގައި ގޭގެއަށް ގޮސް ސީދާ ރައްޔިތުންނާ ގުޅިގެން މަސައްކަތް ކުރި. ޞިއްހީ ހުރިހާ ކަމެއްގައިވެސް، ރައްޔިތުން ލަފާ ހޯދަމުން އައީ އެބޭފުޅުންގެ ފަރާތުން،" ނަސީމް ވިދާޅުވިއެވެ.



މިނިސްޓަރު ވިދާޅުވީ މިއަދު ސިއްހީ ގޮތުން ނޭދެވޭ އާދަތަކަށް ހުށަހެޅި، ހަމައެކަނި ބަލިވުމުން ނޫނީ ސިއްހަތާމެދު ވިސްނާ ނުލުމަކީ ގިނަ މީހުންގެ އާދަ ކަމަށެވެ.

މީގެ އިތުރުން ނަސީމް ވަނީ ސިއްހީ ގޮތުން ހޭލުންތެރި، ސިއްހީ ރަނގަޅު އާދަތަކަށް އަހުލުވެރި ޖީލެއް އުފެއްދުމަށް، ސިއްހީ ހާލަތު ދުރާލާ ދެނެގަތުމަށް، ތިމާގެ ވަށައިގެންވާ އެންމެހާ މާހައުލުތަކަކީ ސިއްހީ ގޮތުން އެކަށީގެންވާ މާހައުލުތަކަކަށް ހެދުމަށް، ޕްރައިމަރީ ހެލްތުގެ ގެ ނިޒާމު އެހީތެރިވެދޭ ކަން ފާހަގަކުރަށްވާފައެވެ. ނަސީމް ވިދާޅުވީ ދެމެހެއްޓެނިވި ގޮތެއްގައި ސިއްހީ ޚިދުމަތް ފޯރުކޮށްދިނުމަށް އެންމެ ރަނގަޅު އެއް ނިޒާމަކީ ޕްރައިމަރީ ހެލްތުކެއަރގެ ނިޒާމު ކަމަށެވެ. އުންމީދަކީ ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޚިދުމަތް ފެށިގެން ދިއުން ކަމަށް ނަސީމް ވިދާޅުވިއެވެ.

މިނިސްޓަރު ނަސީމް ވިދާޅުވީ ފ.އަތޮޅުގައި ހެލްތް ކެއަރ ނިޒާމު ތައާރަފް ކުރެވިގެން ދިއުމާއެކު އެ އަތޮޅުގެ 18 އަހަރުން މަތީގެ ރައްޔިތުންގެ 80 އިންސައްތަ އަށް ވުރެ ގިނަ ރައްޔިތުންގެ މައުލޫމާތު އެއްކުރެވި އެމީހުންގެ ސިއްހީ ހާލަތު ދެނެގަނެވި، އެފަރާތަތަކަށް ދޭންވާ ލަފާއާއި އިރުޝާދުދީ އަދި ބޭސް ފަރުވާ ދޭންޖެހޭ ފަރާތްތަކާ ފަރުވާ ދޭން ފެށިފައިވާ ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި މިނިސްޓަރު ނަސީމް ވަނީ ސިފަކުރަށްވާފައެވެ. ޕްރައިމަރީ ހެލްތުކެއަރގެ އުސޫލުތަކުގެ މައްޗަށް ބިންގާ އެޅިގެންދެވޭ ޚިދުމަތަކީ، ސިއްހީ ޚިދުމަތުގެ މުޅި ނިޒާމު ހަރުދަނާކުރުމަށް އޮތް އެންމެ ފަހި މަގު ކަމަށް ނަސީމް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު