ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވަޒީރުކަމުގައި ހުންނެވިއިރު ރާއްޖެއިން ބޭރަށް ދަތުރުކުރެއްވީ އަމިއްލަފުޅު ޖީބުން ޚަރަދުކުރަށްވައިގެންތޯއޭ ވިދާޅުވެ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ސުވާލު ކުރަށްވައިފިއެވެ.

ރޮޒައިނާ މިފަދަ ސުވާލެއް އުފެއްދެވީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙާއި އެމަނިކުފާނުގެ އަނބިކަނބަލުން އިނގިރޭސި ރަސްގެފާނު، ޗާލްސް، ރަސްމީކޮށް ރަސްކަމުގެ ތަހުތުގައި ވެޑުވުމުގެ ރަސްމިއްޔާތަށް ވަޑައިގެންނެވުމުން އެކަމަށް ދުންޔާ ފާޑުވިދާޅުވުމާ ގުޅިގެންނެވެެ.

ރައީސް ސާލިޙުގެ ދަތުރުފުޅަށް ފާޑުވިދާޅުވެ ކުރީގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން ވިދާޅުވީ ޓެކްސް ޕޭޔަރުންގެ ފައިސާއިން 9 މިލިއަން ހަރަދު ކޮށްގެން ދަތުރުކުރާއިރު ކުޑަކުދިންގެ ހިޔާއަށް މިއަހަރު ބަޖެޓުކުރީ 9 މިލިއަން ރުފިޔާކަމަށެވެ.



"އިނގިރޭސީ ޝާހީއާއިލާގެ ކޮންމެވެސް ބޭފުޅެއްގެ ހިނިތުންވުމެއް ލިބޭތޯ ޓެކްސްޕޭޔަރުންގެ ފައިސާއިން 9 މިލިއަން ހަރަދު ކޮށްގެން ދަތުރުކުރާއިރު ކުޑަކުދިންގެހިޔާއަށް މިއަހަރު ބަޖެޓުކުރީ 9 މިލިއަންރުފިޔާ، އިސްކަންދެނީ ކޮންކަމަކަށްތޯ؟ ތިރަސްމިއްޔާތުގައި ޒޫމު ކޯލަކުން ބައިވެރި ވެވިދާނެ.!". ދުންޏާ ވިދާޅުވިއެވެ.

ދުންޔާގެ ވާހަކަތަކާއި ގުޅިގެން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވަނީ އެކަމަނާ ވަޒީރުކަމުގައި ހުންނެވިއިރު ރާއްޖެއިން ބޭރަށް ދަތުރުކުރެއްވީ އަމިއްލަ ޖީބުން ހަރަދުކުރަށްވައިގެންތޯ ސުވާލު ކުރަށްވާފައެވެ. އަދި ދުންޔާގެ ވަޒީރު ކަމުގައި ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކަށް ދައުލަތުން ކޮށްފައިވާ ޚަރަދުތައް ފިނޭންސް މިނިސްޓްރީން ބަލާލަންޖެހިފައިވާ ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ތަންދޮރު ނޭގޭ މީހުން ދައްކާ ކަހަލަ ވާހަކަ ނުދައްކަވާ،" ކުރީގެ ރައީސް މައުމޫންގެ ދަރިކަނބަލުން ދުންޔާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ރޮޒައިނާ ވިދާޅުވިއެވެ.

މީގެ އިތުރުން ރޮޒައިނާ ވިދާޅުވީ ކުރީގެ ރައީސް ޔާމިންގެ ވެރިކަމުގައި ފޮރިން މިނިސްޓަރު ކަމުގައި ހުންނަވައި ދައުލަތުން ބޮޑެތި ޚަރަދުތަކެއްކޮށް ދުންޔާ ރާއްޖެއިން ބޭރަށް ކުރެއްވި ދަތުރުތަކުގެ ނަތީޖާ އަކަށްވީ ކޮމަންވެލްތުން ވަކިވުން ކަމަށެވެ. އަދި އެ ދަތުރުތަކުގެ ނަތީޖާ އަކަށްވީ ދުނިޔޭގެ ގިނަ ގައުމުތަކާއި ރާއްޖެއިން ގުޅުން ކަނޑާލުން ކަމަށް ރޮޒައިނާ ވިދާޅުވިއެވެ.

"ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ ތަނަކަށް ވަޑައިގަތީމަ އެކަން ހަޖަމުނުވެގެން ތިބޭފުޅުން ތި އުޅުއްވަނީ، ދައުވަތު ނުލިބުނީމާ މާބޮޑަށް ހިތްދަތިވީތޯ،" ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔަޑް މުހައްމަދު ނާޒިމްގެ މޯލްޑިވްސް ނޭޝަނަލް ޕާޓީ، އެމްއެންޕީގެ އަންހެނުންގެ ވިންގުގެ ލީޑަރު ދުންޔާއަށް ފާޑުވިދާޅުވަމުން ރޮޒައިނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު