ރައީސް މުހައްމަދު ނަޝީދުގެ ފިކުރެއްގެ ދިރުން، ރައީސް އަބްދުﷲ ޔާމީންގެ ޕީޕިއެމް އަދި ކުރީގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމްގެ އެމްއެންޕީއާއި އޮނަރަބަލް ގާސިމް އިބްރާހިމްގެ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުންތަކެއް މަޝްވަރާ ބައްދަލުވުމެއް ބާއްވައިފިއެވެ.

ބެލެވޭ ގޮތުގައި މި ބައްދަލުވުން ބާއްވާފައި ވަނީ މާލޭގައި ހުންނަ ރެސްޓޯރަންޓެއްގައެެވެ. ފިކުރެއްގެ ދިރުން، ޕީޕިއެމް، އެމްއެންޕީ އަދި ޖޭޕީން ބޭއްވި މި ބައްދަލުވުމަކީ ކޮންކަމަކާއި ގުޅޭގޮތުން ބޭއްވި ބައްދަލުވުމެއްކަމެއް ނޭނގެއެވެ.

މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި ބޭފުޅުންގެ ތެެރޭގައި ޕީޕީއެމް ޕީއެންސީގެ ވަގުތީ ލީޑަރު އަބްދުއްރަހީމް އަބްދުﷲ، އެމްޑީޕީގެ ނާއިބު ރައީސް މުހައްމަދު ޝިފާޒް، ޖުމްހޫރީ ޕާޓީގެ ޕީޖީ ގްރޫޕްގެ މެމްބަރު އަލީ ހުސައިން އަދި އެމްއެންޕީގެ ޕީޖީ ގްރޫޕްގެ މެމްބަރު އަހުމަދު އުޝާމް ހިމެނިވަޑައިގެންނަަވައެވެ. މީގެއިތުރުން މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތާރިގާއި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވެސް ހިމެނިވަޑައިގަންނަވައެވެ.



މި ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގެންނެވި އަަލީ އާޒިމް ކުރެއްވި ޓްވީޓެއްގައި ވަނީ އެއް ކެނޑިޑޭޓެއްގެ ވާހަކަ ދައްކަވާފައެވެ. އަދި އެ ޓްވިޓްގައި ރައީސް ޔާމީންގެ ވާހަކަވެސް ފާހަގަކުރަށްވާފައި އޮތެވެ. ނަމަވެސް އާޒިމްގެ ޓްވިޓްގައި ދައްކަވަން އުޅުއްވަނީ ކޮން ވާހަކައެއްކަމެއް ނޭނގެއެވެ.

ރިޔާސީ އިންތިހާބު ބޯމަތިވަމުން އަންނައިރު، ޕާޓީތަކުން ދަނީ ގުޅިގެން މަސައްކަތްކުރުމާއި ގުޅޭގޮތުން މަޝްވަރާކުރަމުންނެވެ. ނަމަވެސް މިހާތަނަށް މިކަމުގައި ކުރިއެރުން ލިބެމުންދަނީ ރައީސް ސާލިހަށް އެކަންޏެވެ. އެގޮތުން ރައީސް ސާލިހަށް ތާއީދުކުރަން އަދާލަތާއި އެމްޑީއޭއިން ވަނީ ނިންމާފައެވެ.



ކިޔުންތެރިންގެ ހިޔާލު