ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބޯކޮށްވާރޭވެހި އައްޑޫ ސިޓީ ހިތަދޫ އަދި ފޭދޫގައި ފެންބޮޑުވެއްޖެއެވެ.

އެމްއެންޑީއެފްއިން ބުނީ ބޯކޮށް ވާރޭވެހި އައްޑޫ ސިޓީ ހިތަދޫ އަދި ފޭދޫގައި ފެންބޮޑުވުމުން ފެންހިންދުމުގެ މަސައްކަތުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިންނާއި ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުން ކަމަށެވެ.

އެމްއެންޑީއެފުން ބުނީ ރޭއްސުރެން ކުރަމުންދާ މި މަސައްކަތުގައި، މިހާތަނަށް އައްޑޫސިޓީ ހިތަދޫ އަދި ފޭދޫގައި ގާތްގަނޑަކަށް ޖުމްލަ 22 ގެއެއްގެ ފެންހިއްކުމާއި ވެލިބަސްތާޖަހާ ދިނުމުގައި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ސިފައިންނާއި ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

ފެންބޮޑުވެފައިވާ ބައެއް މަގުތަކުގައި ކޯރު ކެނޑުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު، އެރަށްތަކުގެ މަގުތަކުގައި ހެދިފައިވާ ފެންގަނޑު ހިއްކުމުގެ މަސައްކަތް ޕަންޕުގެ އެހީގައި ސިފައިން ދަނީ ކުރަމުންނެވެ.

މިމަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހުއްޓުމެއްނެތި އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުގެ ސިފައިން އަންނަނީ ހަރަކާތްތެރިވަމުންނެވެ.

ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓުން ވިދާޅުވީ ފެން ބޮޑުވުމުގެ ސަބަބުން ބައެެއް ގޭގެއަށް ފެން ވަދެގެން ރިޕޯޓްކޮށްފައިވާކަމަށެވެ. ނަމަވެސް އެހީފޯރުކޮށްދޭންޖެހޭ ހާލަތަކަށް ނުދާކަމަށް އެ އިދާރާއިން ބުނެއެވެ.

ރާއްޖެއަށް މިހާރު ހުޅަނގު މޫސުމުގެ ވިއްސާރަކުރަމުންދާއިރު، އެންމެ ބޮޑަށް ވިއްސާރަކުރަމުންދަނީ ދެކުނުގެ އަތޮޅުތަކަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން