ރާއްޖޭގެ ފުރަތަމަ ޕައިލެޓް، ކެޕްޓަން އިބްރާހިމް ރަޝީދު (ކެޕްޓަން އިބުރޭ) 40 އަހަރު ޕައިލެޓެއްގެ ގޮތުގައި ރާއްޖެއަށް ޚިދުމަތްކުރުމަށްފަހު މިއަދު ރިޓަޔަރ އެ ކުރައްވަނީ، ހައިބަތުބޮޑު ލެގަސީއެއް ދޫކުރައްވާފައިކަމަށް، އޭނާ ވަޒީފާ އަދާކުރެއްވި އެއާލައިން، ވިލާ އެއާ ނިސްބަތްވާ ވިލާ ކުންފުނީގެ ޗެއާމަން ޤާސިމް އިބްރާޙިމް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ އެންމެ ފުރަތަމަ ޕައިލެޓް، ކެޕްޓަން އިބްރާހިމް ރަޝީދު 40 އަހަރުގެ ހިދުމަތަށްފަހު، އެ ޚިދުމަތުން މިއަދު ވަނީ ރިޓަޔާ ކުރަށްވާފައެވެ. އިބްރާހިމް ރަޝީދު އުމުރުން 65 އަހަރުގައި ރިޓަޔާވުމުގެ ކުރިން މިއަދު ވަނީ އދ.މާމިގިލިން މާލެއަށް ފުލައިޓްގައި އެންމެ ފަހު ދަތުރު ކުރަށްވާފައެވެ. އެ ފްލައިޓަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މިއަދު ވަނީ ވޯޓާ ސެލިއުޓެއް ދީފައެވެ.

ކެޕްޓަން އިބްރާހިމް ރަޝީދުގެ ޚިދުމަތުގެ އަގުވަޒަންކުރަށްވައި ވިލާ ކުންފުނީގެ ޗެއާމަން އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު، ޤާސިމް އިބްރާޙީމް މިރޭ ވަނީ ކެރިއަރުގެ ފަހު ދަތުރު، ފްލައިމީގެ ވީޕީ 609 ފްލައިޓުގައި ފުރިހަމަކުރެއްވުމަށްފަހު ކެޕްޓަން އިބްރާހިމް ރަޝީދު ރިޓަޔަރކުރެއްވުމުން އޭނާއަށް ވަރަށް ހޫނު މަރުހަބާއެއް ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ ރާއްޖޭގައި އެއާލައިން ޓްރާންސްޕޯޓް ޕައިލެޓް ލައިސެންގެ އެއް ނަމްބަރު ލައިސަން ހޯއްދަވައި، ރާއްޖޭގެ ފުރަތަމަ ޕައިލެޓަކަށް ވެވަޑައިގެންނެވީ ކެޕްޓަން އިބުރޭ ކަމަށެވެ. އަދި ފާއިތުވީ 40 އަހަރުގެ ދިގު ކެރިއަރުގައި ކެޕްޓަން އިބުރޭ ރާއްޖޭގެ އެއާލައިންތަކާއި، ގައުމީ ދިފާއީ ބާރަށް ވެސް ޚިދުމަތްކުރައްވާފައިވާކަން ޤާސިމް ވަނީ ފާހަގަކުރަށްވާފައެވެ.

ޤާސިމް ވިދާޅުވީ، ކެޕްޓަން އިބުރޭގެ އޭވިއޭޝަން ކެރިއަރަކީ އެފަދަ ދެވަނައެއްނެތް ލާމަސީލު މިސާލެއް ކަމަށެވެ. އަދި ރާއްޖޭގައި ފުރަތަމަ އެއާލައިން ޕައިލެޓުގެ ހައިސިއްޔަތުން އޭނާ ވަރަށް ފުރިހަމަ ލެގަސީއެއް ދޫކުރައްވާފައި ވާކަމަށް ޤާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވަނީ މުސްތަގްބަލުގައި ވެސް ކެޕްޓަން އިބުރޭއަށް އުފާވެރި، ފާގަތި ދުވަސްތަކަކާއި އިތުރު ކާމިޔާބީއާއި ކުރިއެރުމަށް އެދިވަޑައިގެންފައެވެ.

1983 ވަނަ އަހަރު އެއާ މޯލްޑިވްސް އިން ޕައިލެޓް ކަމުގެ މަސައްކަތް ފެއްޓެވި އިބްރާހިމް ރަޝީދު ޕައިލެޓް ޓްރެއިނިން ހެއްދެވީ ތައިލެންޑުންނެެވެ. އޭނާއަކީ ފްލައިޓް ކެޕްޓަންކަމުގެ ލައިސަންސް ހޯއްދެވި ރާއްޖޭގެ ފުރަތަމަ ދިވެހި ޕައިލެޓެވެ.



ކިޔުންތެރިންގެ ހިޔާލު