ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި ކުރީގެ ރައީސް، އަބްދު ﷲ ޔާމީން އިންތިހާބުގައި ވާދަކުރުމާމެދު އެންމެފަހު ބަސް ބުނާނީ ސުޕްރީމް ކޯޓުންކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވެއްޖެއެވެ.

ފުއާދު މިހެން ވިދާޅުވެފައި މިވަނީ ރައީސް ޔާމީނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ނެތްކަމަށް ދޭހަވާގޮތަށް ބައެއް ފަރާތަކުން ވާހަކަ ދައްކަވަމުންދާ ދަނޑިވަޅެއްގައެވެ.

ދައުލަތުގެ މީޑިއާގައި މިރޭ ވާހަކަދައްކަވަމުން ފުއާދު ވިދާޅުވީ ރައީސް ޔާމިން ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ހުށަހަޅުއްވައިފިނަމަ އިލެކްޝަނުން އެކަން ގަބޫލުކުރުމުގެ ފުރުސަތު ބޮޑުކަމަށެވެ.

ފުއާދު ވިދާޅުވީ ރައީސް ޔާމީނަށް އިއްވާފައިވާ ހުކުމް އެގޮތުގައި އޮވެއްޖެނަމަ ވާދަކުރުމުގެ ފުރުސަތު ލިބުންވެސް ގާތްކަމަށެވެ.

"މަޖިލީހާއި ކައުންސިލް އިންތިހާބުގައި އެބަހުރި ކެނޑިޑޭޓުންގެ މައްސަލަ ކޯޓުގައި އޮއްވާވެސް، ޖަލުގައި ހުއްޓާވެސް އެބަހުރި ކެނޑިޑަސީ ގަބޫލުކޫރެވިފައި ނިހާއީ ހުކުމެއް ނާންނާތީ." ފުއާދު ވިދާޅުވިއެވެ.

ފުއާދު ވިދާޅުވީ ހައިކޯޓުގައި އޮތް ރައީސް ޔާމީންގެ މައްސަލަ ރައީސް ޔާމީނާއި އެއްކޮޅަށް ނިމުނަސް އެމަނިކުފާނަށް ވާދަކުރުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އަދި ހައިކޯޓުން އެމަނިކުފާނާއި ދެކޮޅަށް މައްސަލަ ނިންމިޔަސް ސުޕްރީމް ކޯޓަށް ވަޑައިގަތުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

ފުއާދު ވިދާޅުވީ ރައީސް ޔާމީނަށް މިހާރު އިއްވާފައިވާ ހުކުމުގެ ސަބަބުން އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އިލެކްޝަނުން ނުދޭނަމަ އެ މައްސަލަވެސް ސުޕްރީމް ކޯޓަށް ހުށަހެޅުމުގެ ފުރުސަތު އޮންނާނެކަމަށެވެ.

"މީގައި ފުރުސަތުތަކެއް އެބައޮތޭ ދެންނެވޭނެ. މީގައި އެންމެފަހު ބަސް ބުނާނެ ފަރާތަކީ ސުޕްރިމް ކޯޓް." ފުއާދު ވިދާޅުވިއެވެ.

ރައީސް ޔާމީނަށް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ބުނަނީ އެމަނިކުފާނުގެ މައްޗަށް އިއްވާފައިވާ ހުކުމާއި ގުޅިގެނެވެ. އެއީ ޖިނާއީ ހުކުމެއް އިއްވާފައިވާ މީހަކަށް އިންތިހާބުގައި ވާދަނުކުރެވޭނެތީއެވެ.

އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ރައީސް ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު 25 ވަނަ ދުވަހުއެވެ. އެ ހުކުމް އިސްތިއުނާފްކުރަން ރައީސް ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓަށް ވަނީ ހުށަހަޅާފައެވެ.



ކިޔުންތެރިންގެ ހިޔާލު