ދައުލަތުގެ މީޑިއާ، ޕީއެސްއެމް ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ 100 މިލިއަނަށްވުރެ ގިނަ ރުފިޔާއިން ބައެއް އަމިއްލަ މީޑިއާތަކަށް ދިނުމަށް އެޑިޓާސް ގިލްޑް މޯލްޑިވްސްއިން ގޮވާލައިފިއެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހާ ގުޅިގެން އެޑިޓާސް ގިލްޑުން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރާއްޖޭގައި މިނިވަން ނޫސްވެރިކަން ކުރުމަށް ޖާގަ އެބައޮތް ކަމަށާއި އެހެން ނަމަވެސް މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭ ފަދަ ބައެއް ދަތިތައް އެބަހުރި ކަމަށެވެ.

އެގޮތުން މިނިވަންކޮށް މީޑިއާއެއް ހިންގުމަށް އެންމެ ބޮޑަށް ބޭނުން ވަނީ މާލީ މިނިވަންކަން ކަމަށް އެޖަމިއްޔާގެ ބަޔާނުގައި ބުނެފައިވެއެވެ. އެގޮތުން މީޑިއާތައް ހިންގާނެ ފައިސާ ނުލިބުމަކީ ގޮންޖެހުމެއްކަން އެޑިޓާސް ގިލްޑުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވެއެވެ.

"މިނިވަން މީޑިއާއެއް ހިންގުމަށް ބޭނުންވާ ފައިސާ ހޯދުމަށް ދައުލަތުގެ މީޑިއާ ހިންގުމަށް ދައުލަތުގެ ބެޖެޓުން ހަރަދުކުރާ 100 ވަރަކަށް މިލިއަން ރުފިޔާ މަދުކޮށް މީޑިއާތަކަށް އެއިން ބައެއް ލިބޭނެ ގޮތް ހަމަޖެއްސުމަށް ގޮވާލަމެވެ. އަދި ޓެކްސް ޕޭޔާސްގެ ފައިސާއިން މީޑިއާތަކަށް އެއްވެސް ހަރަދެއް ކުރާނަމަ، އެ ފައިސާ ހަމަހަމަކޮށް ހާމަކަން ބޮޑުކޮށް، އިންސާފުން ދިނުމުގެ މުހިންމުކަން މި ޖަމިއްޔާއިން ފާހަގަކުރަމެވެ،" އެޑިޓާސް ގިލްޑުން ނެރުނު ބަޔާނުގައިވެއެވެ.

އެޑިޓާސް ގިލްޑުން ނެރުނު ބަޔާނުގައި އިތުރަށް ބުނެފައިވަނީ ރައްޔިތުންނަށް ބޭނުންވާ މައުލޫމާތު އޮޅުން ފިލުވައިދީ ސާފުކޮށްދީ، ސަރުކާރު ޖަވާބުދާރީކުރުވުމުގެ ޒިންމާ އަދާކުރަމުން އަންނަނީ މީޑިއާއިން ކަމަށެވެ. ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ފައިސާ ދޫކުރާއިރު، ބަޖެޓުން މީޑިއާތަކަށްވެސް ފައިސާ ދޫކުރުމަކީ މިނިވަން ނޫސްވެރިކަން ފުޅާވެގެންދާނެ ކަމެއް ކަމަށް އެޑިޓާސް ގިލްޑުން ނެރުނު ބަޔާނުގައި ވަނީ ބުނެފައެވެ.

ރާއްޖޭގައި ހިންގާ ނޫސްތަކުގެ ބައެއް އެޑިޓަރުން ހިމެނޭ އެޑިޓާސް ގިލްޑުގެ ބަޔާނުގައި އިތުރަަށް ބުނިގޮތުގައި މާލީ ދަތިތައް ފިޔަވައި ދެން މީޑިއާގެ މިނިވަން ކަމަށް ދިމާވާ ދަތިތަކަމަކީ މައުލޫމާތު ހޯދައި ލިބިގަތުމަށް ހުރި ހުރަސްތަކެވެ. އެހެންކަމުން އެ ހުރަސްތައް ނައްތާލުމަށް އެޑިޓާސް ގިލްޑުން ވަނީ ގޮވާލާފައެވެ. އެ ބަޔާން ނިންމާލަމުން، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު، ނޫސްވެރިން ކައިރީ ވައުދުވެވަޑައިގެންނެވި ގޮތަށް ހެއްކާ ބެހޭ ގާނޫނުން ނޫސްވެރިންގެ މަސްދަރު ހިމާޔަތް ކުރުމަށްވެސް ވަނީ ގޮވާލާފާއެެވެ.



ކިޔުންތެރިންގެ ހިޔާލު