"އެމް ސަވާރީ" ބޯޓު ރޭ ދަންވަރު އަޑިއަށްދިޔަ ޙާދިސާގައި ކަނޑުވި 6 މީހުން އެމްްއެންޑީއެފް ކޯސްޓްގާޑް ޝިޕް ޣާޒީގައި މާލެ ގެނެސްފިއެވެ.

މިމީހުން ފެނުނީ ކޯސްޓްގާޑުން ކުރިއަށް ގެންދިޔަ ސާރޗް އެންޑް ރެސްކިޔު އޮޕަރޭޝަންގައި ވ. ފުލިދޫގެ އިރުމަތިން 26 ނޯޓީކަލް މޭލު ބޭރުން، ކަނޑުވެފައިވަނިކޮށް އެމްއެންޑީއެފް ޑޯނިއަރ އެއަރކްރާފްޓަށެވެ.

މި 6 މީހުން ކޯސްޓްގާޑް ޝިޕް ޣާޒީއަށް މިއަދު 13:00 ހާއިރު ނަގާފައިވާއިރު، މިއަދު 16:30 ހާއިރު ވަނީ ރައްކާތެރިކަމާއެކު ހުޅުމާލެއަށް ގެނެސްދީފައެވެ.

ބޯޓުން ދަތުރުކުރި މީހުން ގާތްގަނޑަކަށް 9 ގަޑިއިރު ކަނޑުވެފައި ތިބިނަމަވެސް، އެންމެންގެ ހާލުވެސް ރަނގަޅުކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް އިބްރާހީމް ޙިލްމީ ވަނީ ބޯޓުން ދަތުރުކުރި މީހުން ހުޅުމާލޭގައި ހުންނަ ކޯސްޓްގާޑު ޝިޕުތައް ބަނދަރު ކުރާ ސަރަހައްދަށް ގެނެވުމާއެކު އެމީހުންގެ ހާލު އޮޅުންފިލުވާފައެވެ. ހަމައެއާއެކު، އެ މީހުނަށް ޞިއްޙީ އެއްވެސް އިތުރު އެހީތެރިކަމަކަށް ބޭނުންޖެހިދާނެކަމަށް އެމްއެންޑީއެފް މެޑިކަލް ކޯރގެ ޓީމެއްވެސް ވަނީ ހަރަކާތްތެރިވެފައެވެ.



ކިޔުންތެރިންގެ ހިޔާލު