ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ ފަހަތަށް ސޮއްސާލަމުންދިއުމަކީ ހިތާމަހުރިކަމެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހީމް (ނ.މ.ޝ.ޢ) ވިދާޅުވެއްޖެއެވެ.

ނޫސްވެރިންނަށް މިނިވަންކަން ހޯދައިދެއްވުމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި އަދި ނޫސްވެރިންނަށް މިނިވަންކަން ލިބިގެންދިޔަ ގާނޫނު އަސާސީ އެކުލަވާލި މަޖުލީހުގެ ރައީސްކަންވެސް ކުރެއްވި ގާސިމް މިހެން ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބާތުގައި، ނޫސްވެރިންނަށް ތަހުނިޔާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.

ގާސިމްގެ ޓްވިޓާގައި ވަނީ ދުނިޔޭގެ ނޫސްވެރިކަމުގެ ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އެންމްމެހާ ނޫސް ވެރިންނަށް ފޮނުއްވާފައެވެ.

ގާސިމް ވިދާޅުވީ ވަކި އަތަކަށް ނުޖެހި އިންސާފުވެރިކަމާއެކު، ރައްޔިތުންނަށް ޚަބަރާއި މައުލޫމާތު ގެނެސްދޭނެ ނޫސްވެރިކަމަކީ ޑިމޮކްރަސީގެ 4 ވަނަ ބާރުކަމާއިމެދު އެއްވެސް ޝައްކެތް ނެތްކަމަށެވެ. އަދި ނޫސްވެރިންގެ މަސައްކަތަށް ދަތިކޮށް، ހުރަސް އަޅައިގެން ނުވާނެކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"އިންސާނީ ކަރަމާތް ދަމަހައްޓާ، ތެދުވެރިކަމާއެކު ހަގީގަތް ހާމަކުރުމުގައި ނޫސްވެރިން އަދާކުރަންޖެހޭ ދައުރު ވެރިކަމުގެ ފަރާތުން ހަނިކޮށް، ދަތި ކޮށްގެން ނުވާނެ." ގާސިމް ވިދާޅުވިއެވެ.



ގާސިމްގެ ޓްވީޓްގައި ވަނީ ދުނިޔޭގެ ނިސްބަތުން ނޫސްވެރިކަމުގެ މިނިވަންކަމުގެ ދަރަޖައިން ޖެހިޖެހިގެން ފަހަތަށް ރާއްޖެ ސޮއްސާލާކަމީ ހިތާމަ ހުރި ކަމެއްކަމަށްވެސް ވިދާޅުވެފައެވެ.



ކިޔުންތެރިންގެ ހިޔާލު