އިންޑިއާގެ ދިފާޢީ ވަޒީރު ޝްރީ ރާޖްނާތު ސިންގ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅަށްފަހު ފުރާވަޑައިގެންފިއެވެ.

3 ދުވަހުގެ ރަސްމީ ދަތުރުފުޅެއްގައި އިންޑިއާގެ ދިފާޢީ ވަޒީރު ޝްރީ ރާޖްނާތު ސިންގ ރާއްޖެ ވަޑައިގެންނެވީ ހޯމަ ދުވަހުއެވެ. މި ދަތުރުޅަކީ، އިންޑިއާގެ ދިފާޢީ ވަޒީރު ސްރީ ރާޖްނާތު ސިންގ މަޤާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު، ރާއްޖެއަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ދިފާޢީ ވަޒީރު ވަނީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ އިބްރާހިމް މުޙައްމަދު ޞާލިޙްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވާފައެވެ. މީގެއިތުރުން ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއާއި، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދާވެސް އިންޑިއާގެ ދިފާޢީ ވަޒީރު ވަނީ ބައްދަލުކުރައްވާފައެވެ.



މި މަޝްވަރާ ބައްދަލުވުންތަކުގައި ދެޤައުމުގެ ޒަމާންވީ ބަދަހި ގުޅުން އިތުރަށް ހަރުދަނާކޮށް، ދިފާޢީ ދާއިރާއިން އެހީތެރިކަމާއި އެއްބާރުލުން އިތުރުކޮށް ގުޅުން ބަދަހިކުރުމާ ގުޅޭ ގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. އަދި މިދަތުރުފުޅުގައި އެމްއެންޑީއެފް ކޯސްޓްގާޑް ޝިޕް ހުރަވީގެ ބަދަލުގައި އިންޑިއާ ސަރުކާރުން ދިނުމަށް ހަމަޖެހިފައިވާ އުޅަނދު ރަސްމީގޮތުން ދިވެހި ސަރުކާރާ ޙަވާލުކޮށްފައިވެއެވެ. މީގެއިތުރުން މިދަތުރުފުޅުގައި އެމްއެންޑީއެފަށް ލޭންޑިންގ ކްރާފްޓަކާއި އަސްކަރީ ބައެއް ސާމާނު ވެސް ވަނީ ހަދިޔާކުރައްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު