ސިފައިންގެ އެކި ކަންކަމުގައި ބޭނުންކުރަމުން އަންނަ ސިފަވަރު ނުވަތަ އުތުރު ތިލަފަޅުގައި އަސްކަރީ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާހުކޮށްފިއެވެ.

ސިފަވަރުގަައި އަސްކަރީ ބަނދަރެއް ތަރައްޤީކުރުމުގެ މަޝްރޫޢު އިފްތިތާހުކޮށްފައި ވަނީ އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖުނާތު ސިންގ ރާއްޖެއަށް މިހާރު ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.

މި އަސްކަރީ ބަނދަރުގެ މަޝްރޫޢު އިފްތިތާހުކޮށްދެއްވީ އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖުނާތު ސިންގއާއި ރާއްޖޭގެ ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީއެވެ.



މި ބަނދަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ "އެމްއެންޑީއެފް އެކަތަ" ބަނދަރުގެ ނަމުގައެވެ. އަދި މިއީ އެމްއެންޑީއެފްގެ ތަރައްޤީއަށް ކުރެވޭ މުހިއްމު ކަމެއްގެ ގޮތުގައި އެ މުއައްސަސާއިން ދެކެއެވެ.

އުތުރު ތިލަފަޅުގައި ޖެޓީއަކާއި، ހާބަރ ރިޕެއަރ ފެސިލިޓީ (އެޗް.އާރް.އެފް)، ސްލިޕްވޭ، އަދި ބަނދަރަށް ބޭނުންވާ އެހެނިހެން ޢުމްރާނީ ވަސީލަތްތައް ތަރައްޤީކުރުމާއި، މުއާޞަލާތީ ވަސީލާތްތަކާއި ރާޑަރުގެ ޚިދުމަތްތައް ތަރައްޤީ ކުރުމުގެ މަޝްރޫއަކީ އިންޑިއާ ސަރުކާރުގެ އެހީއާއެކު ކުރިއަށްގެންދާ މަޝްރޫޢެކެވެ.

އެއްބަސްވުމުގައިވާ ގޮތުގެ މަތިން، އިންޑިއާގެ ފަންނީ މާހިރުން، ދިވެހި މުވައްޒަފުން ތަމްރީނު ކުރުމާއި، ޑޮކްޔާޑް އަދި ބަނދަރުގައި ޤާއިމުކޮށްފައިވާ އެކިއެކި ވަސީލަތްތައް މަރާމާތުކޮށް ބެލެހެއްޓުމުގައި 15 އަހަރު ދުވަހުގެ މުއްދަތަކަށް އިންޑިއާއިން އެހީތެރި ވެދޭނެއެވެ.



ކިޔުންތެރިންގެ ހިޔާލު