އަމީނީމަގު ޒަމާނީ ފެންވަރަށް ހެދުމަށް މިހާރު ހިންގާ މަޝްރޫޢުގެ ދަށުން ބިލަބޮންގ ސުކޫލާ ހަމަޔަށް ތާރުއަޅައި މިމަހު ނިންމާލެވޭނެ ކަމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިޔާ، ޕީއެސްއެމްގައި މިރޭ ވާހަކަ ދައްކަވަމުން ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވީ އަމީނީމަގުގެ ސެގްމެންޓް 1, 2 އަދި 3ގެ މަސައްކަތް މިހާރު އެެއްކޮށް ނިންމާލެވިފައިވާ ކަމަށެވެ. އަދި އަމީނީމަގުގެ ސެގްމެންޓް 4ގެ ތާރުއެޅުން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް މިހާރު އެެއްކޮށް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން އަމީނީމަގުގެ ސެގްމެންޓް 5 އަދި،6 ގައި ހިމެނޭ މަގު ރޫޅާލައި ގަސްތައް ނަގައި މަގުގެ ދުވާރުގެ ޕޭވިންގެ މަސައްކަތާއި ސުވަރޭޖާއި ފެންހޮޅި ވަޅުލުމާއި ސްޓޯމް ވޯޓާ، އަދި ކޭބަލް ޓްރޭ އެޅުމުގެ މަސައްކަތް މިހާރު ކުރަމުންދާއިރު ފުލެޓާ ހަމަޔަށް އެ މަސައްކަތް އެއްކޮށް ނިމިފައިވާ ކަމަށް މޫކޭ ވިދާޅުވިއެވެ.

މޫކޭ ވިދާޅުވީ އުއްމީދަކީ މިމަހުގެ 16 ވަނަ ދުވަހާ ހަމަޔަށް ތާރުއެޅުން ފިޔަވައި އަމީނީމަގުގައި ކުރަން ހުރި ހުރިހާ މަސައްކަތެއް ނިންމާލުން ކަމަށެވެ. އަދި މިމަހުގެ ނިޔަލަށް އަމީނީމަގުގެ ސެގްމެންޓް 7 ގެ މަސައްކަތް ނިންމާލައި އެ ސަރަހައްދު އާންމުންނަށް ހުޅުވާލެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މަގުބައްތިތައް ހަރުކުރުމުގެ މަސައްކަތާއި އެނޫންވެސް ގިނަ މަސައްކަތްތަކެއް އަމީނީމަގުގައި ކުރިއަށް އެބަދޭ، ދެން ކުރިއަށް ހުރީ ކާބްސްޓޯން އެޅުމާއި އޭބީސީ ލޭޔަރ ޖެހުމާ މިކަހަލަ މަސައްކަތްތައް، އަޅުގަނޑުމެން ލަފާކޮށްގެން މިތިބީ އުއްމީދުކޮށްގެން ޕްލޭން ކޮށްގެން މިތިބީ މިމަހުގެ 16 ވަނަ ދުވަހަށް ތާރުއެޅުން ފިޔަވައި އެހެން ހުރިހާ މަސައްކަތެއް ނިންމާލަން، މެޝިން އިންސްޓޯލް ކުރެވި އެމަސައްކަތް ހުޅުމާލޭގައި ކުރިއަށް އެބަދޭ، އެހެންވީމާ މިމަހުގެ ނިޔަލަށް އަޅުގަނޑުމެން އުއްމީދުކޮށްގެން މިތިބީ އަމީނީމަގު ސެގްމެންޓް 7 އާއި ހަމަޔަށް އެއީ ބިލަބޮންގ ސުކޫލާ ހަމަޔަށް ތާރުއަޅައި އެމަގު ބޭނުންކުރެވޭނެ ކަމަށް،" މޫކޭ ވިދާޅުވިއެވެ.

ޕްލޭނިން މިނިސްޓްރީން އާރުޑީސީއާ ހަވާލުކޮށްގެން އަމީނީމަގު ޒަމާނީ ފެންވަރަކަށް ހެދުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އޮގަސްޓް މަހުއެވެ.

ސަބް ކޮންޓްރެކްޓު އުސޫލުން، މަގުގައި ތާރުއެޅުމުގެ މަސައްކަތް ހަވާލު ކުރީ އެމްޓީސީސީއާއެވެ.



ކިޔުންތެރިންގެ ހިޔާލު