ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު ޝިފާޢު ޕިޕީއެމް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީންގެ ހަށިކޮޅަށް ގެއްލުން ދިނުމަށް ގޮވާލިކަމަށް ބުނެ ޕީޕީއެމުން އެކަން ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފިއެވެ.

ޕީޕީއެމުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް ޕީޕީއެމްގެ ރައީސް، ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަށް އަނިޔާވެރިވެ އެމަނިކުފާނުގެ ހަށިކޮޅަށް ގެއްލުން ދިނުމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޢު ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ތިއްބަވާ ވަޓްސްއެޕް ގްރޫޕެއްގައި ގޮވާލައްވާފައިވާ ކަމަށެވެ. އަދި ޝިފާޢު ރައީސް ޔާމީންގެ އަތްޕުޅު ބުރިކުރުމަށް ގޮވާލި ގޮވާލުމަކީ ޓެރަރިޒަމަށް ހިތްވަރުދޭ ޢަމަލަކަށްވާއިރު، މިމައްސަލަ ލަސްނުކޮށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަޙުޤީޤްކޮށް ދެއްވުމަށް މޯލްޑިވްސް ޕޮލިސް ސަރވިސްއަށް ޕީޕީއެމުން ވަނީ ގޮވާލާފައެވެ.

"ޝިފާޢުއަކީ މިސަރުކާރު ދިފާޢުކޮށް އެންމެ އަޑުގަދަކޮށް ވަކާލާތުކުރައްވާ އެމްޑީޕީއަށް ނިސްބަތްވާ މެންބަރަކަށްވާއިރު، އިބްރާހީމް މުހައްމަދު ޞާލިޙަށާއި މިސަރުކާރަށް ތާއީދު ކުރާ މަޖިލީހުގެ މެންބަރުންގެ އިތުރުން އިބްރާހީމް މުޙައްމަދު ޞާލީހުގެ ކެބިނެޓްގެ ބައެއް ވަޒީރުންވެސް އެމަނިކުފާނަށް އަނިޔާކޮށް ނިޒާމުން ގެއްލުވާލަން މަސައްކަތްކުރާކަން ދަނީ ފާހަގަވަމުން. އެގޮތުން މެއި މަހުގެ އެއްވަނަ ދުވަހު މިސަރުކާރުގެ ހޯމް މިނިސްޓަރު އިމްރާން ޢަބްދުﷲ ކުރެއްވި ޒާތީ ޓްވީޓެއްގައިވެސް އެމަނިކުފާނަށް އަނިޔާވެރިވާނޭކަމަށް ވަނީ ވިދާޅުވެފައި." ޕީޕީއެމްގެ ބަޔާނުގައިވެއެވެ.

ޕީޕއެމުން ބުނީ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަކީ އެ ކޯލިޝަންގެ ފަރާތުން މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާ ރިޔާސީ ކެންޑިޑޭޓްކަމަށްވާއިރު، ކުރިއަށް އޮތްތާ އެމަނިކުފާނަށް އިތުރު އަނިޔާދީ އެމަނިކުފާނުގެ ފުރާނައަށް ނުރައްކާވާ ހިސާބަށް ކަންކަން ގެންގޮސްދާނެކަމުގެ ބިރު އެބައޮތްކަމަށެވެ.

އަދި ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ވަގުތުން ވަގުތަށް އެމަނިކުފާނު ގެކޮޅަށް ބަދަލުކޮށްދެއްވުމަށް ކަމާބެހޭ އެންމެހައި ފަރާތްތަކަށް ޕީޕީއެމްގެ ބަޔާނުގައި ގޮވާލާފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު