ޖުލައިމަހުން ފެށިގެން ހިޔާގެ މެއިންޓަނަންސް މަސައްކަތް ކުރިއަށްގެންދާ ގޮތަށް ބަދަލުތަކެއް އަންނާނެކަމަށް އަރބަންކޯއިން ބުނެފިއެވެ.

އަރބަންކޯއިން ބުނީ ހިޔާ ފްލެތްތަކުގެ ކޮންޓްރެކްޓްގައިވާ ގޮތުން، "ކޮންޓްރެކްޓަރ ޑިފެކްޓްސް ލައިބިލިޓީ ޕީރިއަޑް" ނުވަތަ، ފްލެޓްތަކުގެ ހުރި މައްސަލަތައް އެޗްޑީސީން ޙައްލުކޮށްދޭނެ މުއްދަތުގެ ގޮތުގައި ލިޔެފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު 31ގެ ނިޔަލަށްކަމަށެވެ. އެގޮތުން ފްލެޓްތަކަށް ދިމާވާ ފެން ލީކުވުމުގެ މައްސަލައާއި، ފާޚާނާއާއި ބެލްކަނީގެ ސްލޯޕްތަކުގެ މައްސަލައިގެ އިތުރުން ފާޚާނާގެ ޑްރެއިން ބްލޮކްވުން އަދި ކަރަންޓުގެ މައްސަލަތައް އަރބަންކޯއިން ދަނީ ޙައްލުކޮށްދެމުންނެވެ.

އާބަންކޯއިން ބުނީ ޑިސެމްބަރު 31ގެ ނިޔަލަށް މަރާމާތުގެ ކަންކަން އަރބަންކޯއިން ބެލެހެއްޓިނަމަވެސް އޭގެ އިތުރަށްވެސް 6 މަސްދުވަހު އެ ކުންފުނިން އެޚިދުމަތް ދީފައިވާކަމަށެވެ. އަދި އެކަންކަން ކޮށްދިނީ ހިޔާގައި ދިރިއުޅޭ ރައްޔިތުންނަށް ލުއިފަސޭހަކޮށްދިނުމުގެ ގޮތުން ކަމަށްވެސް އަރބަންކޯއިން ބުނެއެވެ.

ނަމަވެސް ޖުލައި މަހުން ފެށިގެން ހިޔާ ފްލެޓްތަކުގެ އެތެރޭގެ މަރާމާތުގެ ކަންކަން ބަލަހައްޓަންޖެހޭނީ ވެރިފަރާތުންކަމަށް އަރބަންކޯއިން ބުނެެއެވެ. އަދި ޖުލައި މަހުން ފެށިގެން އެކަންކަން ބަލަހައްޓަންވާނީ އެ އެޕާޓްމަންޓެއްގެ ވެރިފަރާތުންކަމަށްވެސް އަރބަންކޯއިން ބުނެއެވެ.

ހިޔާ ކޮންޓްރެކްޓް އޮތްގޮތުން ފްލެޓާއި ހަވާލުވާ ދުވަހުން ފެށިގެން، ފްލެޓް ހުންނާނީ ގަންނަ ފަރާތުގެ ފުރިހަމަ ޒިންމާއާއި ބެލުމުގެދަށުގައެވެ. ނަމަވެސް ކޮންޓްރެކްޓަރ ޑިފެކްޓެއް ހުރެދާނެކަމަށް ބަލާ، އަރބަންކޯއިން މެއިންޓަނަންސް ބެލެހެއްޓުމަށް ވަކި މުއްދަތެއް ކަނޑައެޅީއެވެ.

މިހާތަނަށް ހުށައެޅި މައްސަލަތަކުގެ ތެރެއިން ގިނަ ކަންކަމަށް ޙައްލު ހޯދައިދީފައިވާ ކަމަށްވެސް އެކޯޕަރޭޝަނުން ބުނެއެވެ. އަދި މިހާރު މެއިންޓަނަންސާއި ގުޅިގެން ހުށައެޅޭ މައްސަލަތައްވެސް ދަށަށް ގޮސްފައިވާކަން އެކުންފުނިން ފާހަގަކުރެއެވެ.

އަރބަންކޯއިން ބުނީ އަންނަ ޖުލައި މަހުން ފެށިގެން އެކުންފުނިން ބަލަމުންދާނީ، ހިޔާ ފްލެޓްގެ އިމާރާތްތަކުގައި ހިމެނޭ އާއްމު ތަންތަނާއި ވަސީލަތްތަކަށް ދިމާވާ މައްސަލަތައް އެކަނި ކަމަށެވެ. ނަމަވެސް ފްލެޓްތަކުގެ އެތެރޭގެ މައްސަލަތަކުގައި، ފަންނީ އެހީ ފޯރުކޮށްދެމުންދާނެ ކަމަށްވެސް އަރބަންކޯއިން ބުނެއެވެ.



ކިޔުންތެރިންގެ ހިޔާލު