ސްޓެލްކޯއިން ކަރަންޓު ބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގގެ މައްޗަށްކަމަށާއި އަދި މީޓަރުގެ ރީޑިންގ ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރައްވާ މިންވަރަށްކަމުގައި ސްޓެލްކޯއިން ހާމަކޮށްފިއެވެ.

ސްޓެލްކޯއިން މިކަން ހާމަކޮށްފައިވަނީ ސްޓެލްކޯއިން މީޓަރު ރީޑިންގ ނެގުމަކާ ނުލައި ކަރަންޓް ބިލުތައް ބޮޑުކޮށްފައިވާކަމަށް، ބުނެ މީޑިއާއަކުން ފެތުރި ހަބަރަކާއި ގުޅިގެނެވެ.

ސްޓެލްކޯއިން ބުނީ އެކުންފުނިން "މީޓަރުގެ ރީޑިން ނުނަގައި ކަރަންޓް ބިލްތައް އާދަޔާ ޚިލާފަށް ބޮޑުކޮށްފިކަމަށް" ބުނެ ނޫހެއްގައި ޝާއިޢުކޮށްފައިވާ ޚަބަރަކީ އެއްވެސް އަސާސެއް ނެތް، ހަޤީގަތާ ޚިލާފު، ދޮގު މައުލޫމާތު ހިމެނޭ ހަބަރެއްކަމަށެވެ. އަދި އެއީ ސްޓެލްކޯއާމެދު ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފައްދައި، ސިޔާސީ މަންފާއެއް ހޯދުމަށް ލިޔެފައިވާ ޚަބަރެއްކަމަށްވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

ސްޓެލްކޯއިން ބުނީ އެ ކުންފުނިން ކަރަންޓު ބިލު އަބަދުވެސް ތައްޔާރުކުރަނީ މީޓަރުގެ ރީޑިންގގެ މައްޗަށްކަމަށެވެ. މީޓަރުގެ ރީޑިންގ ހުންނާނީ ކަސްޓަމަރުން ކަރަންޓު ބޭނުން ކުރައްވާ މިންވަރައްކަމުގައިކަމަށާއި ސްޓެލްކޯގެ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ކަރަންޓު ބިލުގެ ޖުމުލަ ޢަދަދުވެސް ކަސްޓަމަރުންނަށް ހިސާބު ކުރެވޭނެކަމަށެވެ. މީގެ އިތުރުން، މި އެޕްލިކޭޝަން މެދުވެރިކޮށް ކަސްޓަމަރުންނަށް ކަރަންޓު ބޭނުންކުރައްވާ މިންވަރު (ރީޑިންގ) ފެންނަން ހުންނާނެކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

ކޮވިޑް-19 ގެ ޚާއްސަ ޙާލަތުގައި މީޓަރުގެ ރީޑިންގ ނެގުމަށް ޢަމަލުކުރަމުން އައި އުސޫލު ވަނީ 2020 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން އިޔާދަކުރެވިފައިކަމަށާއި، އެހެންނަމަވެސް ކަރަންޓު ރީޑިންގ ނެގުމަށް މިހާރުވެސް އަމަލު ކުރަނީ ކުރިން ޢަމަލުކުރި އުޞޫލަށް ކަމަށް ބުނެ ފަތުރާފައިވަނީވެސް ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށެވެ.

ސްޓެލްކޯއިން ބުނީ ނޫސްވެރިކަމުގެ މިނިވަންކަމާއި، ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ރާއްޖޭގައި ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކެއްކަމަށާއި އަދި ބިނާކުރަނިވި ފާޑު ކިޔުމަށް އަބަދުވެސް އެ ކުންފުނިން މަރުޙަބާ ކިޔާނެކަމަށެވެ. ނަމަވެސް، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތަކާއި ގުޅުވައި ކަނޑައެޅިގެން ދޮގު ވާހަކަ ފަތުރައި، ނުތަނަވަސްކަން އުފެއްދުމަކީ އެ ކުންފުނިން ބަލައިގަންނާނެ ކަމެއް ނޫންކަމަށްވެސް ސްޓެލްކޯއިން ބުނެއެވެ.

އެހެންކަމުން ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މި އަސާސްތައް ދެމެހެއްޓުމަށް ސްޓެލްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު