ކުރީގެ ރައީސް ޔާމީން އަބުދުލްގައްޔޫމްގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު އަދިވެސް އެމައްސަލަ އެކޯޓުގައި ތާވަލް ނުކުރާ ކަމަށް ޕީއެންސީގެ ރައީސް އަބުދުއްރަހީމް ވިދާޅުވެެއްޖެއެވެެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ލަސްވާތީ ޕީޕީއެމްގެ ލީޑަޝިޕް ބޭފުޅުން މިއަދު ވަނީ ހައިކޯޓަށް ވަޑައިގެންފައެވެ.

ހައިކޯޓުން ނިކުމެވަޑައިގެން ޕީޕީއެމް މިވަގުތު ހިންގުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް ވިދާޅުވީ، މިއަދު ވެސް ކޯޓުގެ ރަޖިސްޓްރާ އާއި ބައްދަލުނުވި ކަމަށެވެ. އަދި މިއަދު ހައިކޯޓަށް ވަޑައިގެން ހޯއްދެވި މައުލޫމާތުން އެނގުނީ އަދިވެސް މައްސަލަ ތާވަލް ނުކުރާކަން ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިން ކަމަށާއި އެމަނިކުފާނުގެ އިސްތިއުނާފް މައްސަލަ ހައިކޯޓުގަައި ލަސްވަމުންދާތީ އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އެބައޮތް ކަމަށެވެ.

"ރިޔާސީ އިންތިހާބަށް ހަތަރު މަސްދުވަހަށް ވެއްޖެ. އަޅުގަނޑުމެންގެ ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމީން. އެމަނިކުފާނަށް ކުރިމަތިލެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނި ނަމަވެސް ކެމްޕޭން ކުރުމުގެ ފުރުސަތެއް ނެތް." އަބްދުއްރަހީމް ވިދާޅުވިއެވެ.

ޔާމީންގެ މައްޗަށް މިދިޔަ ޑިސެމްބަރ މަހު ކްރިމިނަލް ކޯޓުން އިއްވި 11 އަހަރު ޖަލު ހުކުމް އެމަނިކުފާނުގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާތާ ގިނަ ދުވަސް ތަކެއް ވަނީ ވެފައެވެ. އެމައްސަލަ އިސްތިއުނާފްކުރުމުން ހައިކޯޓުން އެންމެ ފުރަތަމަ އެންގީ ލިޔުންތަށް އިސްލާހު ކުރުމަށް އަލުން ހުށައެޅުމަށެވެ. އެ ލިޔުންތަށް އިސްލާހުކޮށް ހައިކޯޓަށް ހުށައެޅުމުން އެމައްސަލަ މ ބަލައިގެންކަން އަންގައިފައިވަނީ މިދިޔަ އޭޕްރީލް މަހުގެ 04 ވަނަ ދުވަހު އެވެ.



ކިޔުންތެރިންގެ ހިޔާލު