ރާއްޖޭގެ އެންމެ ކޮޑި އިންޗިއެއް ވެސް ދިވެހިންނަށް ގެއްލޭގޮތަށް ނިންމާ ނިންމުމަކަށް ތާއިދު ނުކުރައްވާނެ ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ ނުވަތަ ފޯޅަވަހި މައްސަލަ 58 އަހަރު ފަހުން ރާއްޖެއިން ބޭނުންވި ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ވަނީ ނިންމާފައެވެ. މިދިޔަ ހުކުރު ދުވަހު އެ މައްސަލައިގައި އިޓްލޮސްއިން ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ދެ ގައުމުގެ ފުށުއަރާ އިގްތިސާދީ ސަރަހައްދު ޑިސްޓެންޓު އުސޫލުން ބަހާލުމަށެވެ.

އެކަމާ ގުޅިގެން ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވީ އިޓްލޮސްގެ އެހުކުމަކީ އިގްތިޞާދީ ނަފާހޯދުމަށް ދިވެހިންނަށް ލިބެންއޮތް 200 ނޯޓިކަލް މޭލުގެ ބޮޑު ސަރަޙައްދު ހޯދުމަށް އޮތް ރަނުގެ ފުރުޞަތު ގެއްލިގެންދިޔަ ޙުކުމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ދިވެހީންނަށް މިފުރުޞަތު ގެއްލިގެންދިއުމުގައި، ދިވެހިސަރުކާރުން މިކަމުގައި ޒަމާނުއްސުރެ ގެންގުޅެމުން އައި ސިޔާސަތު މޮރިޝަސްއަށް ފަހިވާގޮތަށް ކުއްލިއަކަށް ބަދަލުކޮށް، ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު ބޮޑު ދައުރެއް އަދާކުރިކަން ފަނޑިޔާރު އިއްވެވި ޙުކުމުގެ ޤަޟިއްޔާގެ 20 ވަނަ ޞަފްޙާގައި ބަޔާންކޮށްފައިވާ 51 ވަނަ ނުކުތާއިން ސާފުކޮށް އެނގެން އެބައޮތް ކަމަށެވެ.

ގާސިމް ވަނީ އެކަމަކީ ދިވެހިރާއްޖޭގެ ޤާނޫންއަސާސީގެ 3 ވަނަ މާއްދާ އާއި އަދި 6/96، ދިވެހިރާއްޖޭގެ ކަނޑުތަކާ ބެހޭ ޤާނޫނުގައި ކަނޑައެޅި ބަޔާން ވެގެންވާ ގޮތްތަކާ ޚިލާފަށް ރައީސް ކުރެއްވެވި ޢަމަލަކަށްނުވޭތޯ ސުވާލު ކުރަށްވާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމް ވިދާޅުވީ ރާއްޖޭގެ ސަރަޙަައްދުން އެންމެ ކޮޑި އިންޗިއެއްވެސް ދިވެހީންނަށް ގެއްލޭ ގޮތަށް ނިންމާ އެއްވެސް ނިންމުމަކަށް އެމަނިކުފާނު ތާއީދެއް ނުކުރައްވާނެ ކަމަށެވެ.

"އެހެންކަމުން އިޓްލޮސް ގެ މި ޙުކުމާ ގުޅިގެން ދިވެހީންނަށް ގެއްލިގެންދިޔަ ކަނޑުގެ ސަރަޙައްދު އަނބުރާ ލިބޭނެ އެއްވެސް ގޮތެއް އޮތްތޯ ދިރާސާކޮށް، އެމަގަށް ދިވެހިރައްޔިތުންނާ އެކު އިޚްލާޞްތެރިކަމާއެކު މަސައްކަތް ކުރުމަށް އަޅުގަނޑުމެން މިތިބީ ނުކުމެއެވެ." ގާސިމްގެ މެސެޖްގައި ވިދާޅުވިއެެވެ.



ކިޔުންތެރިންގެ ހިޔާލު