ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓް އަދި އިދިކޮޅު ލީޑަރު ކުރީގެ ރައީސް ޔާމިން އަބުދުލްގައްޔޫމް ވެރިކަމަށް ގެނައުމަށް އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންގެ މެދުގައި ދެބަސްވުމެއް ނެތް ކަމަށް ޕީޕިއެމް-ޕީއެންސީގެ ލީޑަރޝިޕްގެ އިސްބޭފުޅުން މިރޭ ވިދާޅުވެއްޖެއެވެ.

އެބޭފުޅުން އެގޮތަށް ވިދާޅުވީ ޕީޕިއެމްގެ އޮފީހުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް، އަބުދުއްރަހީމް ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ޕޯޑިއަމް ހަވާލުކުރެއްވުމުންނެެވެ. އެގޮތުން ޕީޕިއެމްގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ނުކުންނާނެ ކަމަށް ބެލެވޭ މާލޭ ސިޓީގެ މޭޔަރު ޑރ.މުހައްމަދު މުއިއްޒު ވިދާޅުވީ، ރިޔާސީ ކެންޑިޑޭޓަކީ ރައީސް ޔާމިން ކަމަށެވެ. އެކަމާ މެދު އެޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންގެ މެދުގައި އެއްވެސް ދެބަސްވުމެއް ނެތް ކަމަށް މުއިއްޒު ވިދާޅުވިއެވެ.

"އިރާދަކުރެއްވިޔާ އަޅުގަނޑުމެން މިކުރާ މަސައްކަތް ކާމިޔާބުކޮށް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި އަަޅުގަނޑުމެންގެ މަސައްކަތުން ރާއްޖޭގެ ރައީސް ކަމަށް ރައީސް ޔާމިން ހޮވާފައި އަޅުގަނޑުމެން ހުއްޓާލާނީ،" މުއިއްޒު ވިދާޅުވިއެވެ.

ޕީޕިއެމްގެ ނާއިބް ރައީސް އަދި ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވީ، އެޕާޓީގެ ޕްލޭން އޭ، ބީ، ސީ އަކީ ރައީސް ޔާމިން ކަމަށެވެ. އަދި ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިން ވާދަކުރަށްވާނެ ކަމަށާއި ރައްޔިތުންގެ ތާއިދާއެކު ދެވަނަ ދައުރަކަށް އެމަނިކުފާނު އިންތިޚާބުވެވަޑައިގަންނަވާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އަޅުގަނޑު މިހިރީ ރައީސް ޔާމިނާއި އެކީގައި އެމަނިކުފާނުގެ ފަހަތްޕުޅުގައި ދެން ކިހިނެތްތޯ އަޅުގަނޑު ކުރިއަށް އަރާނީ، ރައީސް ޔާމިނާއެކީގައި އެންމެން ވެސް މި ތިބީ ވަރަށް ސާބިތުކަމާއެކު ވަރަށް ބަދަހިކޮށް ރިޔާސީ އިންތިޚާބު ކާމިޔާބުކޮށް ރައީސް ޔާމިން ވެރިކަމަށް ވަޑައިގަންނަވާނެ، އަޅުގަނޑު ދިވެހި ރާއްޖޭގެ ވެރިކަން ކުރުމުގެ ވިސްނުމެއް ރައީސް ޔާމިން ކުރިމަތިލައްވައިގެން ހުންނަވަނިކޮށް އަޅުގަނޑުގެ ނެތް، ވަރަށް ސާފު,"ޝިޔާމް ވިދާޅުވިއެވެ.

ޕީޕިއެމްގެ ނާއިބް ރައީސް އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވިދާޅުވީ، ރައީސް ޔާމިން ވެރިކަމަށް ގެނައުމަށްޓަކައި އެމަނިކުފާނު ބެހެއްޓެވި ހިސާބެއްގައި ހުންނަވާނެ ކަމަށެވެ. ރާއްޖޭގެ ވެރިކަން ކުރުމުގެ ޝައުގުވެރިކަން ނެތް ކަމަށް ސައީދު ވިދާޅުވިއެވެ.

"ދެ ދައުރު ކީއްކުރަންތޯ އެމަނިކުފާނު (ޔާމިން) ވެރިކަން ކުރަން ބޭނުންހާ ދުވަހަކު މިގައުމުގައި އެމަނިކުފާނުގެ ޚިދުމަތް އެބަ ބޭނުންވޭ، ރައީސުލްޖުމޫހުރިއްޔާ ކަމުގައި އެމަނިކުފާނު އެބަޖެހޭ ހުންނަވަން،" ކުރީގެ އިކޮންމިކް މިނިސްޓަރު ސައީދު ވިދާޅުވިއެވެ.

ޕީއެންސީގެ ނާއިބް ރައީސް ޣައްސާނު މައުމޫން ވިދާޅުވީ އަބަދުވެސް ހުންނަވާނީ ރައީސް ޔާމިންގެ ފަހަތްޕުޅުގައި ކަމަށެވެ. އަދި ޔާމިން ދެއްކެވި މަގުން ނޫނީ ހިންގަވަން ގަސްތު ނުކުރަށްވާ ކަމަށް ޣައްސާނު ވިދާޅުވިއެވެ.

ޕީއެންސީގެ ނާއިބް ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވީ ކުރިންވެސް އަދި މިހާރު ވެސް މަސައްކަތް ކުރަށްވާނީ ރައީސް ޔާމިން ވެެރިކަމަށް ގެނައުމަށް ކަމަށެވެ. އެކަމަަށްޓަކައި ކުރަން ޖެހުނު ކޮންމެ މަސައްކަތެެއް ކުރަށްވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.

"އަޅުގަނޑު ހުންނާނީ ރައީސް ޔާމިން ބެހެއްޓެވި ހިސާބެއްގައި ރައީސް ޔާމިނަށް ކުރިމަތިނުލެވޭ ހާލަތެއް އައިކަމުގައި ވިޔަސް އަޅުގަނޑު ފުލޯ ކުރާނީ ރައީސް ޔާމިންގެ އިރުޝާދު," ޔާމިންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި އާދަމް ޝަރީފް ވިދާޅުވިއެވެ.

ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވުމާއި ގުޅިގެން ރައީސް ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ހުކުމްކުރުމާއި ގުޅިގެން އެމަނިކުފާނު މިވަގުތު ގެންދަވަނީ މާފުށީ ޖަލުގައި އެ ހުކުމް ތަންފީޒު ކުރަށްވަމުންނެވެ. އެ ހުކުމް ޔާމީންގެ ފަރާތްޕުޅުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް އެމައްސަލައިގައި ޝަރީއަތް އަދި ވެސް ނުފަށައެެވެ. އެ ހުކުމާއެކު ރައީސް ޔާމިން އަށް ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގާނޫނީ ހުރަހެއް މިހާރު ވަނީ ކުރިމަތިވެފައެވެ. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައިގައި ޔާމިނަށް ދައުވާކޮށްފައިވާ އިތުރު މައްސަލަތަކެއްގެ ޝަރީއަތް ވެސް މިހާރު ދަނީ ހިނގަމުންނެެވެ.



ކިޔުންތެރިންގެ ހިޔާލު