ދިވެހި ގައުމު މިހާތަނަށް ހޯދާފައިވާ ކުރިއެރުންތަކުގެ ހަގީގީ ހައްގުވެރިންނަކީ މަސައްކަތްތެރިން ކަމަށް ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެއެވެ.

ގާސިމް މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ބައިނަލްއަޤުވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތާއި ގުޅިގެން ދުވަހުގެ ހެއު އެދުންތައް މަސައްކަތްތެރިންނަށް ފޮނުއްވައި ދެެއްވި މެސެޖެެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރަށްވާ ގާސިމް އިބްރާހިމްގެ މެސެޖްގައި ވިދާޅުވީ ދުނިޔެ އާރާސްތުވެ، އުމްރާނީގޮތުން ދުނިޔޭގެ އެކި ކަންކޮޅުތައް ތަރައްޤީގެ އާ އުސްމިންތައް ހާޞިލްކޮށްފައި ވަނީ މަސައްކަތްތެރީންގެ ސަބަބުން ކަމަށެވެ. އެގޮތުން ވަކިވަކި ޤައުމުތައް ތަރައްޤީވެ ކުރިއަރައިގެން ގޮސްފައިވަނީ އެ ޤައުމެއްގެ މަސައްކަތްތެރީންގެ ހިންމަތާއި މިންނަތުން ކަމަށް ގާސިމް ވިދާޅުވިއެވެ.

"ވަކިވަކި ޤައުމުތައް ތަރައްޤީވެ ކުރިއަރައިގެން ގޮސްފައިވަނީ އެ ޤައުމެއްގެ މަސައްކަތްތެރީންގެ ހިންމަތާއި މިންނަތުން، އެމީހުން ދެއްކި ޖޯޝާއި ފޯރީންނެވެ. އެމީހުންގެ ވިސްނުމާއި ހަކަތައިންނެވެ.

‏ހަމައެފަދައިން މި ދިވެހި ޤައުމު މިހާތަނަށް ހޯދާފައިވާ އެންމެހާ ކުރިއެރުންތަކެއްގެ ހަޤީޤީ ހައްޤުވެރީންނަކީ ދިވެހި ލޮބުވެތި މަސައްކަތްތެރީންނެވެ." ގިނަ އަދަދެއްގެ މުވައްޒަފުން ގެންގުޅުއްވާ ވިލާ ގުރޫޕްގެ ޗެއާމަން އަދި ރާއްޖޭގެ އެންމެ ފުންނާބުއުސް ވިޔަފާވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ގާސިމް ވިދާޅުވިއެވެ.

މީގެ އިތުރުން ގާސިމް ވިދާޅުވީ ދިވެހި ގައުމު ހޯދާފައިވާ ކުރިއެރުންތައް ހޯދާފައިވަނީ މަސްވެރީންނާއި، ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެންމެހާ ފަރާތްތަކާއި، ދަނޑުވެރީންނާއި، ޢިމާރާތްކުރާމީހުންނާއި، އަދި މިނޫންވެސް އެހެނިހެން ސިނާޢަތްތަކުގެ އިތުރުން، ސަރުކާރާއި އަދި އަމިއްލަ އޮފީސްތަކާއި، އުނގަންނައިދިނުމާއި، މުދަލާއި ޚިދުމަތާއި، އެކިއެކި ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރަމުންދާ ދިވެހި ލޮބުވެތި މަސައްކަތްތެރީންގެ ސަބަބުން ކަމަށެވެ.

ގާސިމްގެ މި މެސެޖް ނިއްމާލައްވަމުން އެމަނިކުފާނު ވަނީ ވަކީން ޚާއްޞަކޮށް ގައުމުގެ މަސައްކަތްތެރިންނަށް އައްސަރިބަހާއި ސާބަސް ރައްދުކުރަށްވައި އެފަރާތްތަކަށް މަރުޙަބާއާއި ތަޙްނިޔާއާއި ހެއު އެދުންތައް ފޮނުއްވާފައެވެ.



ކިޔުންތެރިންގެ ހިޔާލު