ރީޑިންގ ނުނަގައި ކަރަންޓް ބިލު ބޮޑުކުރިކަމަށް ބުނެ ދައްކަނީ ހަޤީޤަތާއި ހިލާފު ވާހަކަތަކެއްކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި މިވަނީ ރީޑިންވެސް ނުނަގާ ކަރަންޓް ބިލު ބޮޑުކޮށްފައިވާކަމަށް ބުނެ އޮންލައިން ނޫހެއްގައި ޝާއިޢުކޮށްފައިވާ ހަބަރަކާއި ގުޅިގެނެވެ.

އެ ހަބަރުގައިވާ ގޮތުން ގޭބީސީތަކަށް ގޮސް މީޓަރުތަކުން ރީޑިން ނުނަގާ، ސްޓެލްކޯއިން ފޮނުވި މިދިޔަ މަހުގެ ކަރަންޓު ބިލުތައް ވަނީ ވަރަށް ބޮޑަށް ބޮޑުވެފައިކަމަށެވެ.

ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ޝަރީފް ވިދާޅުވީ ރީޑިންގ ނުނަގައި ބިލު ބޮޑުކުރިކަމަށް ބުނެ ދައްކަމުންދަނީ އެއްވެސް ހަޤީޤަތެއް، އަސާސެއް ނެތް ވާހަކަތަކެއްކަމަށެވެ.

"ރީޑިންގ ނުނަގައި ބިލް ބޮޑު ކުރިކަމަށް އެ ބުނަނީ އެއްވެސް އަސާސެއް ނެތް ވާހަކައެއް." ޝަރީފް ވިދާޅުވިއެވެ.

ގިނަ ބަޔަކު އަންނަނީ މިމަހުގެ ކަރަންޓް ބިލު ބޮޑުވުމުގެ މައްސަލަ ފާހަގަކުރަމުންނެވެ. ނަމަވެސް ސްޓެލްކޯއިން ވަނީ މިމަހަކީ މިހާތަނަށް އެންމެ ހޫނުގަދަ މަސްކަމުން ކަރަންޓް ބޭނުންކުރި މިންވަރުވެސް ރެކޯޑް އަދަދަކަށް އިތުރުވެފައިވާކަން ފާހަގަކޮށްފައެވެ. އެހެންކަމުން ކަރަންޓް ބިލުވެސް ކޮންމެވެސް ވަރަކަށް ބޮޑުވާނެކަމަށް ސްޓެލްކޯއިން ވަނީ ކުރިންވެސް ބުނެފައެވެ.



ކިޔުންތެރިންގެ ހިޔާލު