ސަރުކާރުން ސިއްހީ ދާއިރާގެ މުސާރައަށް ގެނައި ބަދަލާއެކު ސިއްހީ ދާއިރާގެ 3710 މުވައްޒަފަކަށް މުސާރަ ބޮޑުވާނެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.

ސަރުކާރުން މިކަން ހާމަކުރީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އައި ކުރިއެރުމާއި ގުޅޭގޮތުން ރައީސް އޮފީހުގައި ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ.މުހައްމަދު ފައިޒަލް ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އައި ކުރިއެރުން ލިބޭނީ ހަމައެކަނި ދިވެހި މުވައްޒަފުންނަށްކަމަށެވެ. އަދި ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ގެނައި ކުރިއެރުން ޖެންޑަރ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީއާއި ސްކޫލްތަކުގެ ސިއްހީ ކަންކަމާއި ގުޅޭ މީހުންވެސް ހިމެނޭކަމަށް ޕޭ ކޮމިޝަންގެ ރައީސް ވިދާޅުވިއެވެ.

މުސާރަ ބޮޑުވި 3710 މުވައްޒަފުންގެ ތެރޭގައި ހިމެނެނީ ރީޖަނަލް ހޮސްޕިޓަލް 520 މުވައްޒަފުން، އަތޮޅު ހޮސްޕިޓަލްގެ 471 މުވައްޒަފުން، ހެލްތު ސެންޓަރުތަކުގެ 965 މުވައްޒަފުން، އައިޖީއެމްއެޗްގެ 1004 މުވައްޒަފުން، ހުޅުމާލެ ހޮސްޕިޓަލް 298 މުވައްޒަފުން އަދި އެހެނިހެން ދާއިރާތަކުގައި މަސައްކަތްކުރާ 452 މުވައްޒަފުންނެވެ.



ޕްރެސް ކޮންފަރެންސްގައި ޑރ.މުހައްމަދު ފައިޒަލް ވަނީ މުސާރަތައް ބޮޑުވި ގޮތާއި، ބޮޑުކުރުމުގައި ބެއްލެވި ކަންކަމަށް ބައްލަވާލައްވާފައެވެ. މުސާރައިގެ އިތުރުން ސިއްހީ ދާއިރާގެ މުވައްޒަފުންގެ އެހެނިހެން އެލަވަންސްތަކާއި ގުޅޭ ތަފްސީލްވެސް ވަނީ ހާމަކޮށްފައެވެ.

މީގެ ކުރިން ސީނިއަރ ރެޖިސްޓަރޑް ނަރުހަކަށް އިތުރު ގަޑީގެ އެލަވަންސާއެކު މަހަކު ލިބެނީ، އެވްރެޖްކޮށް 20،459 ރުފިޔާއެވެ. ނަމަވެސް މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް 29،271 ރުފިޔާ ލިބޭނެއެވެ. އަދި ސްޕެޝަލިސްޓް ނަރުހެއްގެ މުސާރަ މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 41،976 ރުފިޔާ އަށް މަތިކޮށްފައެވެ.

މީގެ ކުރިން ސީނިއަރ މެޑިކަލް އޮފިސަރަކަށް އިތުރު ގަޑީގެ އެލަވަންސާ އެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 28،727 ރުފިޔާއެވެ. މިހާރު މިގެނެވޭ ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 41،541 ރުފިޔާ ލިބޭނެއެވެ.

މެޑިކަލް ޕްރެކްޓިޝަނަރުންނަށް ވެސް، މި ދާއިރާއިން ކުރިއަށް ދިއުމަށް އިތުރު ހަރުފަތްތައް ތައާރަފުކޮށް، ސަބް ސްޕެޝަލިސްޓް ކޮންސަލްޓަންޓުންގެ އެންމެ މަތީ ގިންތީގެ މުސާރައަށް މިހާރުވާނީ އިތުރު ގަޑީގެ އެލަވަންސް ނުލައި 98،137 ރުފިޔާ ކަނޑައަޅާފައެވެ.

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ އިތުރުން ސަރުކާރުގެ އެކި އިދާރާތަކުގައި މަސައްކަތްކުރާ ސައިކޮލޮޖިސްޓުންނާއި، ކައުންސިލަރުންނާއި، ސޯޝަލް ވޯކަރުންނާއި، ޝޯސަލް ސަރވިސް ވޯކަރުން ހިމެނޭ ގޮތަށް، ސޯޝަލް ސަރވިސް ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުންގެ މުސާރައަށްވެސް ހެޔޮ ބަދަލުތަކެއް ވަނީ ގެނެސްފައެވެ.

ސޯޝަލް ވޯކަރަކަށް މީގެ ކުރިން އިތުރު ގަޑީގެ އެލަވަންސާއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 12،944 ރުފިޔާއެވެ. މި ބަދަލާއެކު، އިތުރު ގަޑީގެ އެލަވަންސާ ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭނެއެވެ. މިއީ ގާތްގަނޑަކަށް 67 އިންސައްތައިގެ ކުރިއެރުމެކެވެ.



ކިޔުންތެރިންގެ ހިޔާލު