ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކުރަން ސިފައިންނަށް ދަތިވާކަމަށް ވިދާޅުވެފައިވާ މައްސަލަ، މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމީޓީ (241 ކޮމިޓީ) އަށް މިއަދު ހުށަހަޅައިފި އެވެ.

އެމައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދެއްވުމަށް އެދި ޕީއެންސީގެ ޕީޖީ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފް އުމަރު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދަކީ، ރާއްޖޭގެ އާކިޕެލެޖިކް ބޭސްލައިންތަކުން ފެށިގެން 200 ނޯޓިކަލް މޭލުކަމަށް، ރާއްޖޭގެ ކަނޑުގެ ސަރަހައްދުތަކާބެހޭ ގާނޫނުގައި ކަނޑައަޅާފައިވާ ކަމަށެވެ. އެ ސަރަހައްދު ބެލެހެއްޓުމުގެ މަސްއޫލިއްޔަތު ސިފައިންގެ ގާނޫނުން ދިވެހި ސިފައިންނާއި ހަވާލުކޮށްފައިވާއިރު އެ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަންނަ ބޭރު ގައުމުތަކުގެ އުޅަނދުތައް ހިފަހައްޓައި، އެފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު ރާއްޖެއިން އަޅަމުން ގޮސްފައިވާ ކަމަށާއި، މިފަދަ އެއްވެސް މައްސަލައަކާ ގުޅިގެން ބޭރުގެ ގައުމަކުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދާ ބެހޭގޮތުން ދައުވާއެއް ކޮށްފައެއްނުވާ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ. ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވީ އެގޮތަށް ސިފައިން ވާހަކަދެއްކެވުމަކީ ސިފައިންގެ ގާނޫނުން އެބޭފުޅުންނަށް ލާޒިމުކުރާ ޒިންމާ އަދާކުރުމުގައި ބޮޑެތި މައްސަލަތައް ކުރިމަތިވެދާނެ ކަމެއް ކަމަށެވެ.

އާދަމް ޝަރީފް އިތުރަށް ވިދާޅުވީ މިދިޔަ ހުކުރު ދުވަހު ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭފަދަ ގޮތަށް ސަރަހައްދު ކަނޑައެޅުމާ ގުޅިގެން، ރާއްޖޭގެ ދިފާއީ ބާރުގެ ޗީފް އޮފް ޑިފެންސް ފޯސް، މީޑިއާގައި ދައްކަވާފައިވާ ވާހަކަފުޅުތަކަށް ބަލާއިރު، ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކުރަން ރާއްޖޭގެ ދިފާއީ ބާރަށް ދަތިވެ މައްސަލަތައް ކުރިމަތިވެފައިވާ ކަމަށް ދޭހަވާ ކަމަށެވެ.

އެހެންކަމުން ރާއްޖޭގެ ދިފާއީ ބާރަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ފާހަގަކުރަން ދަތިވާކަމަށް ވިދާޅުވާ މައްސަލަ 241 ކޮމިޓީން ސީރިއަސް، އަދި އަވަސް މައްސަލައެއްގެ ގޮތުގައި ބައްލަވައިދެއްވުމަށް އާދަމް ޝަރީފް ވަނީ އެދިވަޑައިގެންފައެވެ.

މީގެ އިތުރުން ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީއަށް އެ މައްސަލަ ހުށަހެޅުމުގެ އިތުރުން، "ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދުން ބައެއް ގެއްލޭގޮތަށް ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު ކަނޑައެޅުމުގައި" ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްއަށް ފޮނުއްވެވި ސިޓީއަށް ހަވާލާދީފައިވާތީ، އެ ސިޓީގެ ކޮޕީއެއް ހޯދުމަށްވެސް އާދަމް ޝަރީފް މަޖިލީހުގައި ވަނީ އެދިވަޑައިގެންފައެވެ.

"ރާއްޖެ ޓީވީ' ގެ ޕްރޮގުރާމެއްގައި ވާހަކަދައްކަވަމުން މޭޖާ ޖެނެރަލް، އަބްދުﷲ ޝަމާލް ރޭ ވިދާޅުވެފައިވަނީ ރާއްޖޭގެ ދެކުނު އިމުގައި ފުށުއަރާ ސަރަހައްދެއް އޮތުމުން، ކޯސްޓް ގާޑަށް ދެކުނުގައި ހިދުމަތް ފޯރުކުރުމުގައި ދަތިތަކެއް ދިމާވާ ކަމަށެވެ. ނަމަވެސް މިދިޔަ ހުކުރު ދުވަހު ރާއްޖެ-މޮރިޝަސް އިމުގެ މައްސަލަ އިޓްލޮސްއިން ނިންމުމާއި ގުޅިގެން އެކަން ދިވެހި ސިފައިންނަށް ސާފުވެގެން ހިނގައްޖެ ކަމަށް ޝަމާލް ވިދާޅުވި އެވެ.



ކިޔުންތެރިންގެ ހިޔާލު