އިންޑިއާއާއި ރާއްޖޭގެ ޒަމާންވީ އަސްކަރީ ގުޅުމުން ވަރަށް ރަނގަޅު ނަތީޖާތަކެއް ނެރެމުންދާކަމަށް ޑިފެންސް މިނިސްޓަރ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

ޑިފެންސް މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާޖުނާތު ސިންގ މާދަމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅާއި ގުޅިގެނެވެ.

އިންޑިއާގެ ޑިފެންސް މިނިސްޓަރ މާދަމާ ރާއްޖެ ވަޑައިގަންނަވަނީ އޭނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައެވެ.

މި ދަތުރުފުޅާއި ގުޅިގެން މިނިސްޓަރ މާރިޔާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އިންޑިއާގެ ޑިފެންސް މިނިސްޓަރާއެކު މުހިއްމު މަޝްވަރާތަކެއް ކުރުމަށް އުއްމީދުކުރައްވާކަމަށެވެ. އަދި އިންޑިއާއާއި ރާއްޖޭގެ ޒަމާންވީ އަސްކަރީ ގުޅުމުގެ ސަބަބުން ބޮޑެތި ކުރިއެރުންތަކެއް ލިބިފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.



މައުލޫމާތު ލިބިފައިވާ ގޮތުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރ ރާއްޖެ ވަޑައިގަންނަވާނީ 3 ދުވަހުގެ ދަތުރުފުޅެއްގައެވެ. އަދި މި ދަތުރުފުޅުގައި ދެ ޤައުމުގެ ޑިފެންސް ކޯޕަރޭޝަނާއި ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރައްވާއެވެ. އަދި އިންޑިއާއިން ބައެއް ތަކެތި ރާއްޖެއަށް ހަދިޔާކުރުމަށްވެސް ވަނީ ނިންމާފައެވެ.

މި ދަތުރުފުޅުގައި އިންޑިއާގެ ޑިފެންސް މިނިސްޓަރ ރައީސް ސޯލިހާއި، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުރުން ޑިފެންސް މިނިސްޓަރު މާރިޔާއާއި އަދި އިތުރު ބައެއް ފަރާތްތަކާއި ބައްދަލުކުރައްވާނެ ކަމުގައިވެސް މަސްދަރުތަކުގައި ރިޕޯޓްކޮށްފައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު