މުވައްޒަފުންގެ މުސާރަ ބޮޑުކުރަނީ އިންތިހާބެއް އޮވެގެން ނޫންކަމަށާއި، އިންތިހާބު އޮތަސް، ނެތަސް މުސާރަތައް ބޮޑުކުރާނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ބައެއް މުވައްޒަފުންގެ މުސާރަ ބޮޑުކުރާތީ އެކަމާއި ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކާއި ގުޅިގެނެވެ.

ޝަރީފް މިއަދު ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް ހެޔޮ ބަދަލެއް ގެނެސްދެއްވި ރައީސް އިބްރާހިމް މުހައްމަދު ޞާލިހަށް މަރުހަބާ ދަންނަވާފައެވެ. އަދި އެކަމުގެ ސަބަބުން ދާއިރާއަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ އިންތިހާބުވެސް އޮންނާނެކަމަށާއި ދައުލަތުގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކުރާނެކަމަށެވެ. އަދި ބައެއް މީޑިއާތަކުން މަސައްކަތްކުރަނީ ސިޔާސީ އެކްޓިވިސްޓުން ގޮތަށްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



"އިންތިހާބުވެސް އޮންނާނެ، ދައުލަތުގެ މުވައްޒަފުންގެ މުސާރަވެސް ބޮޑުކުރާނެ. ކުރަންޖެހޭކަމެއް ކުރާނެ އިންތިހާބެއް ނެތަސް. ނޫހަކަށްވުރެ އެކްޓިވްސް މައުތުޕީސް އެއް ގޮތަށް ތި ހަރަކާތްތެރިވަނީ." މޫސާރަ ބޮޑުކުރާ މައްސަލައަކަށް ފާޑުކީ މީޑިއާއަކަށް އަމާޒުކޮށް ޝަރީފް ވިދާޅުވިއެވެ.

މިއަދު ޢާއްމު ކުރެއްވި ވީޑިއޯ މެސެޖެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވަނީ ރާއްޖޭގެ ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މުވައްޒަފުންގެ މުސާރަތައް މާދަމާއިން ފެށިގެން ބޮޑުކުރަން ނިންމަވާފައިވާކަން ހާމަކުރައްވާފައެވެ.

ރައީސްގެ މެސެޖުގައި ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރައަށް އަންނާނެ ބަދަލުތަކުގެ ތަފްސީލްތައްވެސް ހާމަކުރައްވާފައެވެ. އެގޮތުން މިހާރު ލިބެމުންދާ މުސާރަތަކަށްވުރެ އެތައް ގުނަ ބޮޑު މުސާރައެއް ލިބޭނެކަމަށް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު