އިންޞާފު ޤާއިމުކުރެވޭ މިންވަރަށް ތަޙުޤީޤު ފުރިހަމަ ކުރުމަކީ، ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްުޖުމްހޫރިއްޔާ މިހެން ވިދާޅުވީ ފުލުހުންގެ 90 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސް ސާލިހު ވިދާޅުވީ ރާއްޖޭގެ ހުރިހާ ކަންކޮޅަކަށް ދިވެހި ފުލުހުންގެ ޚިދުމަތް ފެތުރިފައި އޮތުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށާއި މި ދައުރުގެ ތެރޭގައި، ރާއްޖޭގެ 18 ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމުކޮށް، ޖުމްލަ 100 އަށް ވުރެ ގިނަ ރަށުގައި މިހާރު އަންނަނީ ނެއިބަހުޑް ޕޮލިސިންގެ ޚިދުމަތް ދެމުންކަމަށެވެ. އަދި ރާއްޖޭގެ އިތުރު 61 ރަށެއްގައި ފުލުހުންގެ މަރުކަޒުތައް ޤާއިމްކުރުމަށް މިހާރުވަނީ ކޮންޓްރެކްޓްގައި ސޮއިކޮށްފައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

"މާތް ﷲގެ ވާގިފުޅާއެކު، އަޅުގަނޑުމެން މަސައްކަތް ކުރަމުން މިއަންނަނީ، މި ހިނގާ 2023 ވަނަ އަހަރު ނިމުމުގެ ކުރިން، ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި، ދިވެހި ފުލުހުންގެ ޚިދުމަތް ލިބޭނެ އިންތިޒާމު ހަމަޖައްސަން" ރައީސް ވިދާޅުވިއެވެ.

ރައީސް ސާލިހު ވިދާޅުވީ ސަރުކާރުގެ އަމާޒަކީ، ފުލުހުންގެ ތެރޭގައި ޚިދުމަތްކުރާ ކޮންމެ މީހަކީ، އެ މީހެއްގެ ޚިދުމަތުގެ ދާއިރާއާ ގުޅޭ ގޮތުން ތަޢުލީމާއި ތަމްރީން ހޯދައިގެން ޚިދުމަތް ދޭ މީހަކަށް ހެދުންކަމަށާއި މީގެ އެއް އަހަރު ކުރިން އައްޑޫގައި ހުޅުވި "ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމެންޓް"އަކީ ފެންވަރު ރަނގަޅު ފުލުހުން ތަމްރީންކުރުމުގައި ވަރަށް މުހިންމު ދައުރެއް އަދާކުރާނެ ވަރަށް ބޭނުންތެރި މުއައްސަސާއެއްކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ފުލުހުންގެ ތަޙުޤީޤެއް ލަސްވުމަކީ، އެ ތަޙުޤީޤެއް ބަލިކަށިވާ ކަމަކަށް ނުވެދާނެކަމަށެވެ. އަދި ފުލުހުންގެ ތަޙުޤީޤުތައް ކުރިއަށް އެ ގެންދަވަނީ ޕްރޮފެޝަނަލިޒަމްގެ އެންމެ މަތީ މިންގަނޑުގައިކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ވަގުތު ނެގިޔަސް، އިންޞާފު ޤާއިމުކުރެވޭ މިންވަރަށް ތަޙުޤީޤު ފުރިހަމަ ކުރުމަކީ، ޢަދުލު އިންޞާފު ޤާއިމުކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ ކަމެއްކަމަށެެވެ. އަދި އެކަން ދިވެހި ފުލުހުން ކުރާނެ ކަމުގެ ފުރިހަމަ އިތުބާރާއި ޔަޤީންކަން އެބައޮތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު