ޗާގޯސް އައިލެންޑްސް އާއި ރާއްޖެއާ ދެމެދު އިން ކަނޑައަޅަން މޮރިޝަސްއިން ހުށަހަޅާފައިވާ މައްސަލައިގައި އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީސް (އިޓްލޮސް)އިން ނިންމި ނިންމުމަށް އަމަކުރަން ޤާނޫނީ ގޮތުން ރާއްޖެއަށް ލާޒިމު ނުވާނޭކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްޞާން މައުމޫން ވިދާޅުވެއްޖެއެވެ.

ޣައްސާން ވިދާޅުވީ އިޓްލޮސްގެ ނިންމުމަކީ އދގެ ކަނޑުގެ ޤާނޫނުތަކުގެ މުއަހަދާ ޔޫއެންސީއެލްއޯސްގެ ދަށުން ޤާއިމްކޮށްފައިވާ ތަނަކުން ނިންމާފައިވާ ނިންމުމެއްކަމަށެވެ. ރާއްޖެއިން ޔޫއެންސީއެލްއޯސް މުއާހަދާގައި ބައިވެރިވެފައިވީނަމަވެސް، އިޓްލޮސްގެ ނިންމުމަށް އަމަލުކުރުން ލާޒިމްވާފަދަ އެއްވެސް ޤާނޫނެއް ރާއްޖޭގައި ނެތްކަމަށެވެ. އަދި އެފަދަ ކަމަކަށް އަމަލުކުރުން ލާޒިމްވަނީ މަޖިލީހުން ފާސްކޮށްގެން ކަމަށްވެސް ޣައްސާން ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ އިޓްލޮސްގައި ރާއްޖެއިން ގެންގުޅުނު ސްޓޭންޑަކީވެސް ޤާނޫނުއަސާސީއާއި ޤާނޫނުތަކާއި ހިލާފަށް ނަގާފައިވާ ސްޓޭންޑެއްކަމަށެވެ.

ޣައްސާން ވިދާޅުވީ ރާއްޖޭގެ ދެކުނުން 200 މޭލު ތެރޭގައި ދިވެހި މަސްވެރިންނަށް މަސްވެރިކަން ކުރެވޭނެކަމަށާއި، އަދި ސަލާމަތީ ބާރުތަކުން އެކަން ކަށަވަރުކުރަންޖެހޭ ކަމަށެވެ.



އިޓްލޮސްއިން ނިންމި ނިންމުމަށް އަމަކުރަން ޤާނޫނީ ގޮތުން ރާއްޖެއަށް ލާޒިމު ނުވާނޭކަމަށް ޕީޕީއެމްގެ ނާއިބު ރައީސް އަދި ތ. ގުރައިދޫ ދާއިރާގެ މެމްބަރު ޣައްސާން މައުމޫން ވިދާޅުވިނަމަވެސް ހާރިޖީ ވަޒީރު ޝާހިދު ވިދާޅުވީ ކަނޑުގެ އިން ވަކިކުރުމާ ގުޅޭގޮތުން ނިންމި ނިންމުން ބަލައިނުގަތުމަށް ބައެއް ފަރާތްތަކުން ވިދާޅުވިނަމަވެސް އެ ނިންމުމާ ދެކޮޅު ހަދައި ވާހަކަދެއްކެވުމަކީ ބައިނަލްއަޤްވާމީ އުޞޫލުތައް ތަންދޭ ކަމެއް ނޫންކަމަށެވެ. އަދި މިފަދަ ނިންމުންތަކާ ދެކޮޅަށް ޢަމަލުކުރަނީ ފަަލަސްތީނުގެ ބިންތަކަށް ބައިނަލްއަޤްވާމީ އުޞޫލުތަކާ ދެކޮޅަށް އަރައިގަނެގެން އުޅޭ އިސްރާއީލްފަދަ ޤައުމުތަކުންކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު