ރާއްޖޭގެ ކަންތައްތައް މިހާރު ދާގޮތުން އަނބިމީހާ ފިރިމީހާ ކައިރީގައި ރޭކުރުން ވެސް ގައުމީ ސަލާމަތަށް ނުރައްކާވެދާނެ ކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން ހިންގެވުމާ ހަވާލުވެ ހުންނެވި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބުދުﷲ (އަދުރޭ) މިއަދު ވިދާޅުވެއްޖެއެވެ.

ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ މައްސަލައިގައި އިޓްލޮސްއިން ކުރި ހުކުމާ ގުޅިގެން ޕީޕިއެމްގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް (އަދުރޭ) ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ކަމެއް ހާމަކުރަން ގޮވާލާއިރަށް އެއީ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަމެއް ކަމަށް ބުނެ އެކަމެއް ހާމަކުރަން ސަރުކާރުން ދެކޮޅު ހަދަމުންދާ ކަމަށެވެ.

އަދުރޭ ވިދާޅުވީ ރާއްޖޭގައި ގައުމީ ސަލާމަތަށް ނުރައްކާނުވާ ކަމެއް މިހާރު ނެތް ކަމަށެވެ. އަދި މި ދާވަރުން ދާނަމަ އަނބިމީހާ ފިރިމީހާ ކައިރީގައި "ރޭކުރުން" ވެސް ގައުމީ ސަލާމަތަށް ނުރައްކާވާ ހިސާބަށް ކަންކަން ހިގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަމީނީމަގު ހަދަން ފަށައިގެން މިއުޅެނީ ފުރަތަމަ ތާރުއަޅަން ދެން ގާއަތުރަން، ދެން މިހާރު ފަސްޖަހަން، ދެން އިދިކޮޅުން ކޮންނަން. އޭގެ އެގްރިމެންޓް ވެސް ދައްކަން ބުނީމާ ބުނީ އެއީ ގައުމީ ސަލާމަތަށް ނުރައްކާތެރި ކަމެކޭ، ފިރިމީހާ އަނބިމީހާ ކައިރީގައި ރޭކުރުން ވެސް ވެދާނެ ދެން މިހެން އައިސް ގައުމީ ސަލާމަތަށް ނުރައްކާތެރި ކަމަކަށް." ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި އަބުދުއްރަހީމް ވިދާޅުވިއެވެެ.

މީގެ އިތުރުން އަބުދުއްރަހީމް ވިދާޅުވީ އިމުގެ މައްސަލަައިގައި ކުރި ހުކުމާއެކު މުޅި ކެބިނެޓް އެއްކޮށް ޕްރެސް އެއް ބޭއްވުމުން އެކަމުން ދޭހަވަނީ މި ސަރުކާރުން ބަލިގަބޫލުކުރި ކަަން ކަމަށެވެ. އަދި އެއީ ކާމިޔާބީ އެއް ކަމަށް ސަރުކާރުން ސިފަކުރާނަމަ ޕްރެސްކޮންފަރެންސް އެއް ބޭއްވުމުގެ ބަދަލުގައި އަރުވާނީ ހަވާ ކަމަށް އަދުރޭ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު