ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުގެ 24 މޭލު ބޭރުން ދެން އެއްވެސް ގައުމަކަށް ދާ ނޭޅޭނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ވިދާޅުވީ މީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ވަކިން ކަނޑައެޅިފައިނުވާ ކަމަށެވެ. ރާއްޖޭގެ ކަނޑުގެ ސަރަހައްދު ނުވަތަ އީއީޒެޑް ކަނޑައެޅިފައިވަނީ ރާއްޖޭގެ އުތުރުގައި އެކަނި ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އަދި ދެކުނުގެ ކަނޑުގެ ސަރަހައްދުގެ 24 މޭލާއި ހިސާބަށް އިއްޔެ އާއި ހަމަޔަށް ކޮންމެ ގައުމަކަށް ދާ އެޅޭކަމަށާއި ދާ އަޅަމުންދާއިރު ދިވެހި ސަރުކާރަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

"އެކަމަކު އިއްޔެ އިން ފެށިގެން އެ ދާއެޅުން 25 މޭލާއި ހިސާބުން ދެން ދަލެއް ނޭޅޭނެ، އަޅުގަނޑުމެންގެ ހުއްދަ ލިބިގެން ނޫނިއްޔާ. އެހެންވީމާ އަލަށް އަދި ދިވެހިރާއްޖެއަށް ބާރު ލިބިގެން މިދިޔައީ އަޅުގަނޑުމެންގެ އީއީޒެޑް ކަނޑައެޅިގެން އީއީޒެޑްގެ ތެރޭގައި ރާއްޖޭގެ ހުއްދަ ނެތި އިގްތިސާދީ ކަންތައްތަކެއް މަސް ބޭނުން ކަމަށް ވިޔަސް ދާއެޅުން ކަމަށް ވިޔަސް އެހެން ކަމެއް ވެސް ކުރެވޭނީ، އެހެންވީމާ މޮރިޝަޝް އާއި ހިސާބުން ނުވަތަ ޗާގޮސް އާއި ހިސާބުން ދާއަޅާ ވާހަކައިގެ ކުރިއަށް މިއޮތްހާ ދުވަހު މިދަނީ އަޅުގަނޑުމެންގެ 24 މޭލު ބޭރުން ވެސް ދާއެޅެމުން ހުއްދަކަމެއް އޭރު އެއީ މަނާކަމެއް ނޫން އެއީ." ފަައްޔާޒު ވިދާޅުވިއެެވެ.

މީގެ އިތުރުން ފައްޔާޒު ވިދާޅުވީ ޗާގޯސް އަކީ ރާއްޖޭގެ ތަނެއްގެ ގޮތުގައި އެއްވެސް ދިވެހި ރައްޔިތަކު ނުވަތަ ސިޔާސީ އެއްވެސް ބޭފުޅަކު ވިދާޅުވެފައިނުވާ ކަމަށެވެ. ފައްޔާޒު ވިދާޅުވީ 2019 ވަނަ އަހަރު ޗާގޯސް މައްސަލައިގައި ދިވެހި ސަރުކާރުން މޮރިޝަޝް އާއި ދެކޮޅަށް ވޯޓްދިނުމުން އިދިކޮޅު ޕީޕިއެމުން ބަޔާނެއް ނެރެ އެކަން ކުށްވެރިކޮށް ވާހަކަ ދެއްކި ކަމަށެވެ. އެހެންކަމުން ޗާގޯސް އަކީ ރާއްޖޭގެ ތަނެއް ކަމަށް ޕީޕިއެމުން ގަބޫލުނުކުރާ ކަން ހާމަވެފައިވާ ކަމަށާއި އެއްވެސް ހާލެއްގައި އެޕާޓީން އެއީ ރާއްޖޭގެ ތަނެއް ކަމުގައި ނުދެކޭ ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ މީގެ ކުރިން އެއްެވެސް އިރެއްގައި އިމުގެ ސަރަހައްދަކީ 200 މޭލު ކަމަަށް ކަނޑައެޅިފައިނުވާ ކަމަށެވެ. އިޓްލޮސްގެ ނިންމުމާއެކު ރާއްޖެއަށް އަލަށް ލިބުނު 200 މޭލުގެ ސަރަހައްދުގައި އިގްތިސާދު ކުރިއެރުވުމަށް ކުރެވެން ހުރި ކަންކަން ސަރުކާރުން ބަލާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

“އެތަނުގައި އިގްތިސާދީ ގޮތުން ކުރެވެން ހުރިކަންކަން ބަލާނަން. އެތާގައި މައުދަން ހުރިތޯ އެކަންވެސް ބަލާނަން. އަދި ކިރިޔާ މި ލިބުނީ މަސައްކަތެއް ކުރަން.” އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ވިދާޅުވިއެވެ.

މީގެ ކުރިން ރާއްޖެއާއި ޗާގޯސް ޖަޒީރާއާ ދެމެދު އެއްވެސް ފަރާތަކަށް 200 ނޯޓިކަލް މޭލު ހަމަނުވެ، ހާއްސަ އިގުތިސޯދީ ސަރަހައްދު ފުށުއަރާ ގާތްގަނޑަކަށް 95،000 އަކަކިލޯމީޓަރުގެ ސަރަހައްދެއް އޮވެ އެވެ.

ދިވެހިރާއްޖެއާއި މޮރިޝަސްއާ ދެމެދު ފުށުއަރާ ކަނޑުގެ އިމުގެ މައްސަލަ 58 އަހަރު ފަހުން ރާއްޖެއިން ބޭނުންވި ގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް އޮފް ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން އިއްޔެ ވަނީ ހުކުމްކޮށްފައެވެ. އެ މައްސަލައިގައި އިޓްލޮސްއިން އިއްޔެ ނިންމީ ރާއްޖެއިން ވަކާލާތު ކުރި ގޮތަށް ރާއްޖެއަށް ބޮޑުބައި ލިބޭ ގޮތަށް ދެ ގައުމުގެ ފުށުއަރާ އިގްތިސާދީ ސަރަހައްދު ޑިސްޓެންޓު އުސޫލުން ބަހާލުމަށެވެ. އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފަ އެވެ.



ކިޔުންތެރިންގެ ހިޔާލު