އަހުމަދު މަސްނޫމް   29 އޭޕްރީލު 2023 - 4:5
ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުގެ މެދުގައި ބެހުމުގައި ޑީލެއް ހެއްދެވި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރިޔަސް، އެފަދަ ޑީލެއް ހައްދަވާފައި ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް އޮފީހުގައި ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވީ، ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގައި 500 މިލިއަން ޑޮލަރުގެ ޑީލެއް ހެއްދެވި ކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރާ ކަމަށެވެ. އެހެން ނަމަވެސް އެފަދަ ޑީލެއް ހައްދަވާފައި ނުވާނެ ކަމަށާއި އެކަން ކަމާބެހޭ މުވައްސަސާތަކަށް ހުށަހަޅައިގެން ބެލުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް ރައީސް ސާލިޙު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނުގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ އެއްވެސް ބޭފުޅަކު އެފަދަ ޑީލެއް ނަހައްދަވާނެ ކަމަށެވެ.

500 މިލިއަން ޑޮލަރެއް ނެގި ވާހަކަ އެބަދައްކާ. އަޅުގަނޑު ކުރިންވެސް ދެންނެވިން އަޅުގަނޑުމެން އެއްވެސް މީހަކާ ދޭތެރޭގަ އެއްވެސް ކަހަލަ ތުހުމަތެއް އެއްވެސް ބޭފުޅެއްގެ އޮތްކަމަށްވަންޏާ ކުރިއަށް ވަޑައިގަންނަވާ. ހުށަހަޅުއްވަންވީ ބައްލަވަންވީ. އަޅުގަނޑުމެން ޖަވާބުދާރީވާނަން. ހަމަގައިމުވެސް އަޅުގަނޑެއް މިތާ މިތިއްބެވި އެއްވެސް ބޭފުޅެއް، އެފަދަކަމެއް ނުކުރައްވާނެ. މިކަހަލަ ޑީލެއްގައި ބައިވެރިވެފައި ނޯންނާނެ." ރައީސް ސާލިޙު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިޙު ރޭ ވިދާޅުވީ ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުގެ މެދުގައި ބެހުމާ މެދު އިދިކޮޅު ފަރާތްތަކުން ދެކޮޅު ހެދިޔަސް، ކުރީގެ ސަރުކާރުތަކުން ވެސް މަސައްކަތްކުރީ ފުށުއަރާ ސަރަހައްދު ބެހުމަށް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، 1992 ވަނަ އަހަރު އެއިރުގެ ސަރުކާރުން އިނގިރޭސިންނާއެކު މަޝްވަރާކޮށް އެއްބަސްވީ ފުށު އަރާ ސަރަހައްދުގެ މެދުން ބަހަން ކަމަށެވެ.

އެއަށްފަހު 2010 ވަނަ އަހަރު، އެއިރުގެ ސަރުކާރުން ވެސް އެއްބަސްވީ އެގޮތަށް ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކުން ސަރުކާރުގެ ހުރިހާ ކަމަކަށްވެސް ދެކޮޅު ހަދާނެ ކަމަށެވެ.

"އަޅުގަނޑުމެން ރަނގަޅޭ ބުނެފިއްޔާ ރަނގަޅެއް ނޫނޭ ބުނީ، މިވެނި ކަމެއް ގޯހޭ ބުނެފިއްޔާ ބުނާނީ ރަނގަޅޭ،" ރައީސް އޮފީހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި "ރަސް އޮންލައިން" އިން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު