ޗާގޯސްގެ މިލްކުވެރިކަމަށް ރާއްޖެއިން ދައުވާނުކުރެވޭނެކަމަށް އިޓްލޮސްގެ ނިންމުމުން ހާމަވެއްޖެކަމަށް މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.

ރޮޒައިނާ މިހެން ވިދާޅުވީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދިޔަ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުގެ މެދުގައި ބެހުމުގެ މައްސަލާގައި މިއަދު ހުކުމެއް އިއްވުމަށް ކުރިއަށް ގެންދިޔަ އަޑުއެހުމާއި ގުޅިގެންނެވެ.

ރޮޒައިނާ ވިދާޅުވީ 2009ގައި ޗާގޯސްއަށް ދައުވާކުރުމުގެ ފުރުސަތު ނިމުނުއިރު އެކަމަށް ރާއްޖެއިން ދައުވާނުކޮށް އޮތުމުގެ ސަބަބުން މިއަދު އެ ދައުވާ ނުކުރެވޭނެކަމަށް އިޓްލޮސްއިން ވަރަށް ސާފުކޮށް ބުނެފައިވާކަމަށެވެ. މީގެއިތުރުން ކުރީގެ އެއްވެސް ސަރުކާރަކުންވެސް އެތަން ހޯދުމަށް މަސައްކަތެއް ނުކުރާކަން ހާމަވެފައިވާކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.



"2009ގަ މޮރިޝަސްއަށް ގޮސް ފައްޓަރުބައި ހޯދުމުގެ ބަދަލުގައި އެކަން ކުރެއްވިނަމަ މިއަދު ޗާގޯސްއޭ ކިޔާފަ އަނގަހުޅުވުމުގެ ފުރުސަތު އޮތީސް. ގައުމަށް ގައްދާރުވި މީހުން މިއަދު މިއޮތީ ސާފުވެފަ. 2009ގެ ކުރިންވެސް ރާއްޖެއިން މި ކްލެއިމް ކޮއްފައެއްނުވޭ! 2009ގައި އަދި އޭގެ ކުރިން ވެރިކަން ކުރެއްވި ބޭފުޅެއްވެސް، އެޓާރނީ ޖެނެރަލެއްވެސް ގިނަ ވާހަކަތައް ދެން ނުދެއްކެވިއްޔާ ރަނގަޅީ. ތިއެންމެން ޒިންމާވޭ މިކަމުގަ!" ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވަނީ ޗާގޯސްއަކީ ރާއްޖޭގެ ބައެއްކަމަށް އެއްވެސް ވެރިކަމެއްގައި ގަބޫލު ކުރިނަމަ 2009ގައި އެކަމަށް ދައުވާކުރަން އޮތް މުއްދަތު ހަމަނުވަނީސް އެކަން ނުކުރީ ކީއްވެތޯވެސް އައްސަވާފައެވެ.

"އެއްވެސް ބަޔަކު އޭރުއެވާހަކަ ނުދެއްކީ؟ އެންމެ ބާރަށް އެވާހަކަ މިއަދު ދައްކާ މީހުން އޭރުވެސް ތިބީ ބޮޑެތި މަގާމުތަކުގައި." ރޮޒައިނާ ވިދާޅުވިއެވެ.

ރޮޒައިނާ ވިދާޅުވީ މިކަމުން އެނގެނީ މިއަދު ޗާގޯސްއަކީ ރާއްޖޭގެ ބައެކޭ ކިޔައިގެން ސިޔާސީ ލީޑަރުން މިދައްކާ ވާހަކަތަކަކީ ސީދާ ސިޔާސީ ބޭނުމުގައި ދައްކާވާހަކަކަންކަމަށެވެ.

އެހެންނޫންނަމަ ރާއްޖެއިން ޗާގޯސްއަށް ކްލެއިމް ކުރީސްކަން ޔަގީންވާކަމަށާއި ދިވެހިންނަށް މިއަދު މިކަން ސާފުވެއްޖެކަމަށްވެސް ރޮޒައިނާ ވިދާޅުވިއެވެ.



ކިޔުންތެރިންގެ ހިޔާލު