ރާއްޖެ އާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި ރާއްޖެއިން ހޯދި ކާމިޔާބީއަށް އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް މަރުހަބާ ވިދާޅުވެއްޖެއެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި ކުރިއަށްދިޔަ ރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދުން ފުށުއަރާ ސަރަހައްދު ދެ ގައުމުން ބެހުމުގެ މައްސަލާގައި މިއަދު ވަނީ ހުކުމެއް އިއްވާފައެވެ.

މި މައްސަލައިގައި ނިންމާފައިވަނީ ރާއްޖެއިން ވަކާލާތުކުރި ގޮތަށް ރާއްޖެއަށް ބޮޑު ބައި ލިބޭ ގޮތަށެވެ.

އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން މައްސަލަ ރާއްޖެއިން ކާމިޔާބު ކުރުމާއި ގުޅިގެން އިކޮނޮމިކް މިނިސްޓަރ އަދި އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް ކުރެއްވި ޓްވީޓެއްގައި ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް މަރުހަބާ ދަންނަވާފައެވެ.

ފައްޔާޒް ވިދާޅުވީ އެ ނިންމެވުމަކީ ހަމަހަމަކަމާއި އިންސާފުވެރިކަމާއެކު ނިންމާފައިވާ، ބަލައިގަނެވޭނެ ނިންމެވުމެއް ކަމަށެވެ.



އިޓްލޮސްއިން މިއަދު ނިންމި ނިންމުމުގައި ވަނީ ރާއްޖޭން ފާހަގަކުރި ނުކުތާތަކަށް ތާއީދުކޮށްފަ އެވެ. އަދި ބްލެންހެމް ރީފުން އެއްވެސް ޕޮއިންޓެއް އިކުއިޑިސްޓެންސް ލައިން ކުރެހުމުގައި ނުބަލަން އިޓްލޮސްގެ ހާއްސަ ޗެމްބާއިން ވަނީ ކަނޑައަޅާފައެވެ.

އެއާއެކު މޮރިޝަސްއާ ދެކޮޅަށް މައްސަލަ ނިމުމުން، ދެގައުމުގެ ފުށުއަރާ ސަރަހައްދުން ރާއްޖެއަށް ވަނީ 4،687 އަކަކިލޯމީޓަރުގެ އިތުރު ސަރަހައްދެއް ކަށަވަރުވެފައެވެ.

މި މައްސަލަ ނިމުނު ނަމަވެސް ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮފް ދަ ލޯ އޮފް ދަ ސީ (އަންކްލޮސް) ގައި އޮންނަ ގޮތުން، ގުދުރަތީ ގޮތުން ކޮންޓިނެންޓަލް ޝެލްފް 200 މޭލަށް ވުރެ ބޭރަށް ދާ ނަމަ އެ ހިސާބަކަށް އިން ކަނޑައަޅަން ހުށަހެޅެއެވެ.

ރާއްޖެއިން ޖުލައި 26، 2010 ގައި ވަނީ މި 200 މޭލުން ބޭރުން ވެސް ބައެއް ހޯދަން ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީއެލްސީއެސް) އަށް ހުށަހަޅައިފަ އެވެ. އެއާއެކު މޮރިޝަސް އިން ވެސް އެގޮތަށް ހުށަހެޅި އެވެ. ސީއެލްސީއެސްގައި އޮތް މައްސަލަ އަދި ނުނިމެ އެވެ.



ކިޔުންތެރިންގެ ހިޔާލު