ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ހުރި ކަންބޮޑުވުންތަކާއެކު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ސިޓީފުޅެއް ފޮނުއްވައިފިއެވެ.

ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް އަދި ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވިދާޅުވީ، ކަނޑުގެ ޤާނޫނުގެ ބައިނަލްއަޤްވާމީ ޓްރައިބިއުނަލް (އިޓްލޮސް) ގައި މިއަދު ޙުކުމް ކުރުމަށް ތައްޔާރުވަމުންދާ މައްސަލާގައި، ޖުމްހޫރީ ޕާޓީން ކަންބޮޑުވާ ކަންކަން ބަޔާންކޮށް އިޓޮމްލޮސްއަށް އެމަނިކުފާނު 27 ފެބްރުއަރީ 2023 ގައި ސިޓީފުޅެއް ފޮނުއްވާފައިވާ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރުކަން ވެސް ކުރަށްވާ ގާސިމް ވިދާޅުވީ އެމަނިކުފާނު ފޮނުއްވި އެސިޓީފުޅަކީ، ޗާގޯސް މައްސަލާގައި ދިވެހި ސަރުކާރުން ޒަމާނުއްސުރެ ގެންގުޅެމުން އައި ސްޓޭންޑް ކުއްލިއަކަށް ބަދަލުކުރުމާއި ގުޅިގެން، ދިވެހިރާއްޖޭގެ ހާއްޞަ އިގްތިސާދީ ސަރަހައްދުން ބައެއް އުނިވުމުގެ ކަންބޮޑުވުން އޮތުމާއި، ރައީސުލްޖުމްހޫރިއްޔާ މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅާއި، ދިވެހި ޤައުމުގެ ޤާނޫނުއަސާސީގެ 3 ވަނަ މާއްދާއާ ފުށުއެރުންތަކެއް ހުރިކަމަށް ޤަބޫލުފުޅު ކުރެއްވޭތީ، މިމައްސަލާގައި ދިވެހި ދައުލަތާއި ރައްޔިތުންގެ ހައްގުތައް އެންމެ ފުރިހަމައަށް ހިމާޔަތް ކުރުމުގެ ނިޔަތުގައި ފޮނުއްވި ސިޓީފުޅެއް ކަމަށެވެ.

ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮންނާނެ ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެ ގައުމުގެ ބޮޑުވަޒީރަށް މިދިޔަ އަހަރު ސިޓީފުޅެއް ފޮނުއްވާފައެވެ.

މީގެކުރިންވެސް ޗާގޯސް ސިޔާދަތީ ބާރުގެ މައްސަލައިގައި ރާއްޖެއިން ވޯޓު ދީފައިވަނީ އިނގިރޭސިވިލާތާ އެއްކޮޅަށްކަން ފާހަގަކޮށްލެވެއެވެެ.

ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލާގައި ޖުމްހޫރީ ޕާޓީއާއި އެޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ހުރި ކަންބޮޑުވުންތަކާއެކު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އަށް ސިޓީފުޅެއް ފޮނުއްވާފައިވާއިރު އެމައްސަލައިގައި މިއަދު ގޮތެއް ނިންމަަން ވަނީ ތާވަލްކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު