ފުއްގިރި ކުއްޔަށް ދޫކުރުމުގެ ތެރެއިން ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި، ހެކިބަސް ނެގުމުގެ މަރުހަލާގެ އަޑުއެހުންތައް ލައިވްނުކޮށް ކުރިއަށް ގެންދާތީ ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އިދިކޮޅު ޕީޕީއެމާއި ޕީއެންސީ ކޯލިޝަނުން މައްސަލައެއް ހުށަހަޅައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އެޑްރެސްކޮށް، ޕީއެންސީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ފޮނުއްވި ސިޓީއެއްގައި ބުނެފައިވަނީ ރައީސް ޔާމިންގެ ޝަރީއަތް ލައިވް ނުކުރާ މައްސަލައާއި ކުރިއަށް އޮތް ދެ ހަފުތާ ތެރޭ ޝަރީއަތް ނިންމަން އުޅޭތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އެމައްސަލައިގައި ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަކުރުމުގެ ކުށުގެ ދައުވާ އާއި ރިޝްވަތު ހިފުމުގެ ކުށުގެ ދައުވާއިން ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބެން ވާނެ ކަމަށް އާދަމް ޝަރީފް ވިދާޅުވިއެވެ.



"ރައީސް ޔާމީންގެ ޝަރީއަތްތައް ފުލުފުލުގައި ތާވަލުކުރަނީ ގާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (ބ) އާ ހިލާފަށް، ދައުވާއިން ބަރީއަވުމަށް އެކަށީގެންވާ ވަގުތާއި ވަސީލަތް ލިބުމުގެ ހައްގުން މަހުރޫމު ކޮށްގެނެވެ. ވީމާ މި މައްސަލަ ރައްޔިތުންގެ މަޖިލިހުގެ ޖުޑީޝަރީ ކޮމިޓީން ބައްލަވައިދެއްވުން އެދެމެވެ." ޔާމިންގެ ސަރުކާރުގައި ޑިފެންސް މިނިސްޓަރު ކަން ކުރެއްވި އާދަމް ޝަރީފް ހުށައެޅުއްވި މައްސަލައިގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު