ލ.އަތޮޅު ގަމާއި ފޮނަދޫ ރައްޔިތުންނަށް ލަގްޒަރީ 2 ހޮޓާ އެޅުމަށް ރާއްޖޭގެ އެންމެ މުއްސަދި ނުފޫޒު ގަދަ ވިޔަފާރިވެރިޔާ ޗަންޕާ މުހައްމަދު މޫސާ (އުއްޗު) ހުށަހަޅުއްވައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޗަންޕާގެ ފަރާތުން ވަނީ ރައްޔިތުން ހިއްސާވާ ގޮތަށް މި މަސައްކަތް ކައުންސިލާއި ގުޅިގެން ކުރިއަށް ގެންދިއުމަށް އެދި ލެޓަރ އޮފް އިންޓްރެސްޓް ވެސް މިހާރު ފޮނުވާފައެވެ.

ފޮނަދޫ ކައުންސިލްގެ ރައީސް އަހުމަދު މަމްދޫހް ވިދާޅުވީ ޗަންޕާގެ ފަރާތުން އެރަށުގައި ލަގްޒަރީ ގެސްޓް ހައުސްއެއް އެޅުމަށް ހުށަހަޅުއްވާފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް އެބޭފުޅުންނަށް ޖަވާބެއް ދެއްވާނެކަމަށް ވިދާޅުވިއެވެ.

ގަމު ކައުންސިލަށް ވެސް ޗަންޕާރ ފަރާތުން ވަނީ ލަގްޒަރީ ހޮޓަލެއް ރައްޔިތުންނާއި ހިއްސާވެގެން ހެދުމަށް ހުށަހަޅުއްވާފައެވެ.

ޗަންޕާ މުހައްމަދު މޫސާގެ ފަރާތުން ގަމާއި ފޮނަދޫ ކައުންސިލަށް ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ ރައްޔިތުންނާއި ބައިވެރިވެގެން އެދެރަށުގައި ލަގްޒަރީ 2 ހޮޓާ އެޅުމަށް އޭނާ ސައުގުވެރިވެ ވަޑައިގަންނަވާ ކަމަށާއި އެކައުންސިލުތަކުން ސައުގުވެރިވާނަމަ އެކަން ލިޔުމަކުން މުހައްމަދު މޫސާގެ އިދާރީ އޮފީހަށް އެންގެވުމަށެވެ.

ޗަންޕާ މުހައްމަދު މޫސާ (އުއްޗު) އަކި ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ލަގްޒަރީ ރިސޯޓް ވިޔަފާރި ކުރައްވާ ރާއްޖޭ އެންމެ ބޮޑު އެއް މަހުޖަނެވެ. ދުނިޔޭގެ އެންމެ ބޮޑު ކަނޑުއަޑީގެ ރެސްޓޯރެންޓު ވެސް ހުންނަނީ ޗަންޕާގެ ހުރަވަޅި އައިލެންޑް ރިސޯޓްގައެވެ.



ކިޔުންތެރިންގެ ހިޔާލު