މާލެ ސިޓީގެ މޭޔަރ އަދި ޕީޕީއެމްގެ ނާއިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރައްވާ ޓްވީޓަކުން ޗާގޯސްގެ މިލްކުވެރިކަން ބަދަލެއް ނުވާނެކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިއަދު ވިދާޅުވީ ބައިނަލްއަޤްވާމީ ޓްރައިބިއުނަލްގައި ހިނގަނީ ޗަގޯސްއަކީ ކޮން ގައުމެއްގެ ސިޔާދަތީ ބާރު އޮތް ތަނެއްތޯ ބެލުމުގެ މަސަލައެއް ނޫންކަމަށެވެ. އަދި އެކަން ވަނީ ޔޫކޭގެ މައްޗަށް މޮރިޝަސްއިން ދައުވާ ކޮށްގެން ކަމިޔާބު ކޮށްފައިކަމަށާއި އެއީ ނިމިފައި އޮތް މައްސަލައެއްކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޗާގޯސްގެ މައްސަލައިގައި މިދިޔަ އެއްވެސް ވެރިކަމަކުން ނޫޅޭކަމަށާއި އެ ވާހަކަވެސް ނުދައްކާކަމަށެވެ. އެހެންކަމުން ޕީޕީއެމުން ބާއްވާ މުޒާހަރާއަކުން ނުވަތަ މުއިއްޒު ކުރައްވާ ޓްވީޓަކުން ޗާގޯސްގެ މިލްކުވެރިކަމަށް ބަދަލެއް ނާންނާނެކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.



"ޗަގޮސްއަކީ ޗަގޮއްސިއަންސް ނުވަތަ ޗަގޮސް ރައްޔިތުންގެ ތަނެއް ކަމަށް އައިސީޖޭއިން އެޑްވައިޒަރީ އޮޕީނިއަންދީ ޔޫއެންޖީއޭގެ 116 ގައުމުން ވޯޓްދީގެން ވަނީ ފާސްކޮށްފައި." ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ސަރުކާރުން ކުރާ މަސައްކަތަކީ ރާއްޖޭގެ މަސްކަނޑު ހިމާޔަތްކޮށް، ދިވެހިންނަށް ހައްގުވާ ބައި އެންމެ ބޮޑަށް ހޯދަންކުރާ މަސައްކަތްކަމަށެވެ. އަދި ޗަގޮސް ކައިރީގައި އޮންނަ އަތޮޅުގެ މިލްކު ވެރިކަމާއި މިހާރު މޮރިޝަސްއިން ކުރާ ދައުވާއަށް ރައީސް ސާލިހުގެ ސަރުކާރުން ވަނީ ދެކޮޅު ހަދާފައިކަންވެސް ޝަރީފް ފާހަގަކުރެއްވިއެވެ.

ޝަރީފް ވިދާޅުވީ ޕީޕީއެމްގެ ވެރިކަމުގައިވެސް ޗާގޮސް އަތުލަން އިނގިރޭސިންގެ މަށްޗަށް މޮރިޝަސް ދައުވާ ކުރަމުން ދިޔައިރުވެސް ޗާގޮސްއަކީ ރާއްޖޭގެ ތަނެކޭ ކިޔާ އެއްވެސް އެއްޗެއް ބުނެފައި ނުވާކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު