އައިޖީއެމް ހޮސްޕިޓަލްގައި ލޭނެގުމާ ގުޅުންހުރި ކަންކަމުގައި ބޭނުންކުރާ އައު ސިސްޓަމް ހޯދުމުގައި ކޮރަޕްޝަންގެ އެއްވެސް އަމަލެއް ނޯންނާނެކަމަށް އެ ހޮސްޕިޓަލުން ބުނެފިއެވެ.

އައިޖީއެމްއެޗުން މިހެން ބުނީ ބްލަޑް ކަލެކްޝަން ސިސްޓަމް ހޯދުމުގައި ކޮރަޕްޝަން އޮތްކަމަށް ދެކެވެމުންދާ ވާހަކަތަކާއި ގުޅިގެން ނެރުނު ބަޔާނުގައެވެ.

އައިޖީއެމް ހޮސްޕިޓަލްގައި ލޭނެގުމާއި ގުޅުންހުރި ކަންކަމުގައި ބޭނުންކުރާ ބީ.ޑީ ބްރޭންޑްގެ ބްލަޑް ކަލެކްޝަން ސިސްޓަމްގެ ބަދަލުގައި، ޖަރުމަންގެ ބްރޭންޑެއްކަމަށްވާ ސަރސްޓެޑް ބްރޭންޑްގެ ސިސްޓަމެއް ވަނީ ގެނެސްފައެވެ.



ހޮސްޕިޓަލުން ބުނީ މި ސިސްޓަމަށް ބަދަލު ގެނެސްފައިވަނީ ޚަރަދު ކުޑަ، ޒަމާނީ، ރައްކާތެރި ވަސީލަތްތައް ބޭނުންކުރުމަށްކަމަށާއި މި ސިސްޓަމް ބޭނުންކުރަން ފެށީ، ދަޢުލަތުގެ މާލިއްޔަތުގެ ޤާނޫނާ ޤަވައިދާ އެއްގޮތަށް ދައުލަތަށް އެންމެ ފައިދާހުރި ގޮތަށްކަމަށެވެ. އަދި މިއީ ޚަރަދުކުޑަ ސިސްޓަމަކަށް ވުމާއި، އެންމެ ޒަމާނީ ވަސީލަތްތައް ހިމެނޭ ސިސްޓަމެއްކަމަށްވެސް އެ ހޮސްޕިޓަލުން ބުނެއެވެ.

އައިޖީއެމްއެޗުން ބުނީ މިފަދަ ސިސްޓަމުގައި ސިރިންޖާއި އެހެން ބައެއް ވަސީލަތްތަކަކީ، ތުއްތު ކުދިންނާއި އުމުރުން ދުވަސްވީ މީހުންގެ ގައިން ލޭ ނެގުމުގައި ކުރިއަށްވުރެ އިތުރަށް ރައްކާތެރިކަން ކަށަވަރުކުރެވި، ފަސޭހަ ވަސީލަތެއް ކަމަށެވެ. މީގެއިތުރުން ސަރސްޓެޑް ބްރޭންޑްގެ ސިސްޓަމުން އަހަރަކު 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ސަލާމާތްކުރެވޭކަމަށްވެސް ހޮސްޕިޓަލުން ބުނެއެވެ.

އައިޖީއެމްއެޗުން ބުނީ އެ ސިސްޓަމް ހޯދުމުގައި ކޮރަޕްޝަންގެ ތުޙުމަތު އޮތްނަމަ، ކަމާއިބެހޭ ފަޜާތްތަކަށް އެކަން ހުށަހެޅުމުން ޔަގީންވާނެކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު