ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އިން ވަކި ކުރުމުގެ މައްސަލައިގައި ދިވެހި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު އެއްވެސް އިރެއްގައި ދިވެހި ސަރުކާރުން ބަދަލުކޮށްފައި ނުވާނޭކަމަށް ރައީސް އޮފީހުން ހާމަކޮށްފިއެވެ.

ރައީސް އޮފީހުން މިކަން ހާމަކުރީ ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައާ ގުޅޭގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ނެރެފައިވާ ބަޔާނަކަށް ރައްދުދީ އެކަމުގައި ސަރުކާރުން ގެންގުޅެމުން އައި ސިޔާސަތު ހާމަކުރުމުގެ ގޮތުން ނެރުނު ބަޔާނެއްގަވެ.

އެބަޔާނުގައި ބުނީ ދިވެހި ސަރުކާރުން ވަކާލާތުކޮށްފައި ވާނީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދުވާ ކަނޑުގެ ސަރަޙައްދުގެ އިން ވަކިކުރުމުގެ މައްސަލައިގައި ކުރިއްސުރެ ރާއްޖެއިން ގެންގުޅެމުންދިޔަ ސިޔާސަތުތައް ދިފާޢުކޮށްކަމަށެެވެ.

ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ މައްސަލައިގައި ފާއިތުވި ދެ އަހަރެއްހާ ދުވަހު ރާއްޖެއިން ގެންގުޅެމުން އައި ސިޔާސަތު ދެމެހެއްޓުމުގައި ދިވެހި ސަރުކާރުން ފަސްޖެހުމެއްނެތި ދެމިއޮންނާނެކަމަށެވެ.

"އ.ދ.ގެ ޢާއްމު މަޖިލީހުގެ ޤަރާރެއް ކަމަށްވާ "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965" މިޤަރާރު އެމަޖިލީހުގެ ތަޅުމަށް އަލުން ހުށަހެޅިއްޖެނަމަ، އެޤަރާރަށް ރާއްޖެއިން ތާއީދުކުރުމަށް ނިންމާފައިވާކަން ދިވެހި ސަރުކާރުން މޮރިޝަސް ސަރުކާރަށް އަންގާފައިވާނެ. މި ނިންމުން ނިންމެވީ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފާގައި ޗާގޯސްގެ މައްޗަށް މޮރިޝަސްގެ ސިޔާދަތީ ބާރު އޮތްކަމަށް ނިންމި ނިންމުން އިޓްލޮސްގައި ކުރިއަށްދާ މައްސަލައިގައި ފުރިހަމައަށް ބަލައިގަތުމަށް ނިންމާފައިވާކަން އިޓްލޮސްއިން އެންގުމާ ގުޅިގެން. އ.ދ.ގެ ޢާއްމު މަޖިލީހުގެ އެޤަރާރަކީ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެއިން ވަކިކުރުމުގެ މައްސަލައާ އެއްވެސް ގޮތަކުން ގުޅުންހުރި ޤަރާރެއް ނޫން." ރައީސް އޮފީހުގެ ބަޔާނުގައިވެއެވެ.

ސަރުކާރުން ބުނީ މި ނިންމުމުގެ ސަބަބުން އިޓްލޮސްގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ޤާނޫނީ ސްޓޭންޑަށް އެއްވެސް ބަދަލެއް ނާންނާނެކަން މޮރިޝަސްގެ ސަރުކާރަށްވެސް ވާނީ އަންގާފައިކަމަށެވެ.

އ.ދ.ގެ ޢާއްމު މަޖިލީހުގެ ޤަރާރު "އެޑްވައިޒަރީ އޮޕީނިއަން އޮފް ދަ އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އޮން ދަ ލީގަލް ކޮންސިކުއަންސަސް އޮފް ދަ ސެޕަރޭޝަން އޮފް ދަ ޗާގޯސް އާކިޕެލާގޯ ފްރޮމް މޮރިޝަސް އިން 1965" އާ ދެކޮޅަށް ރާއްޖެއިން ކުރިން ވޯޓުލާފައިވާނެކަމަށް ވެސް ބަޔާނުގައިވެއެވެ.

2019 ވަނަ އަހަރު އ.ދ.ގެ ޢާއްމު މަޖިލީހުން އެޤަރާރު ފާސްކުރުމާއި ގުޅިގެން ރާއްޖެއިން ލީ ވޯޓުގެ އެކްސްޕްލެނޭޝަނުގައި ރާއްޖެއިން ފާހަގަކުރިގޮތުގައި ރާއްޖޭގެ ވޯޓަކީ އެޤަރާރާ ދެކޮޅަށް ލީ ވޯޓެއް ނޫނެވެ. އަދި އެއީ އިސްތިޢުމާރިއްޔަތާ ދެކޮޅަށް ރާއްޖެއިން ގެންގުޅެމުން އައި ޒަމާންވީ ސިޔާސަތާ ވެސް ދެކޮޅު ވޯޓެއް ނޫންކަމަށްވެސް ސަރުކާރުން ބުނެއެވެ.

މީގެއިތުރުން، ރާއްޖެއިން ފާހަގަކުރި ގޮތުގައި ރާއްޖެއިން އެޤަރާރާ ދެކޮޅަށް ލީ ވޯޓަކީ އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) ގައި ކުރިއަށްދާ ރާއްޖެއާއި ޗާގޯސް އާކިޕެލާގޯގެ ކަނޑުގެ އިން ވަކިކުރުމާ ގުޅޭ މައްސަލައިގައި ރާއްޖެއިން ނަގާފައިވާ ޤާނޫނީ ނުކުތާތަކަށާއި ކޮމިޝަން އޮން ދަ ލިމިޓްސް އޮފް ދަ ކޮންޓިނެންޓަލް ޝެލްފް (ސީ.އެލް.ސީ.އެސް) އަށް 2010 ވަނަ އަހަރު ރާއްޖެއިން ހުށައަޅާފައިވާ ހުށައެޅުމަށް އެއްވެސް އުނިއިތުރުކަމެއް ގެނުވާނެ ކަމެއް ނޫންކަމަށްވެސް ބަޔާނުގައިވެއެވެ.

މި މައްސަލާގައި ރައީސުލްޖުމްހޫރިއްޔާ ޢަމަލުކުރައްވާފައި ވަނީ އެމަނިކުފާނަށް ޤާނޫނު އަސާސީން ދީފައިވާ ބާރުތަކުގެ ބޭރުންކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކޮށްފައިވާ ތުހުމަތުތައްވެސް ދިވެހި ސަރުކާރުން ވަނީ ދޮގުކޮށްފައެވެ.

"ޤާނޫނު އަސާސީގެ 3 ވަނަ މާއްދާގައިވާގޮތުން ދިވެހިރާއްޖޭގެ ޞަރަޙައްދަށް އެއްވެސް ބަދަލެއް ގެންނަ ނަމަ، ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް އެދެންޖެހެއެވެ. ޗާގޯސް އާކިޕެލާގޯގެ މައްސަލައިގައި ހިމެނެނީ ރާއްޖޭގެ ދެކުނުގައި އޮތް ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދެވެ. މި ސަރަޙައްދުގެ އިމަކީ މިހާތަނަށް އައިއިރު، ބައިނަލްއަޤުވާމީ ކަނޑާބެހޭ މުޢާހަދާގެ ދަށުން ކަނޑައެޅިފައިވާ ސަރަޙައްދެއް ނޫނެވެ. ރާއްޖޭގެ ޤާނޫނުތަކާއި ބައިނަލްއަޤުވާމީ ޤާނޫނުތަކުގެ ދަށުން، ރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުގެ އިން ކަނޑައެޅުމަކީ ދިވެހި ސަރުކާރަށް ޤާނޫނު އަސާސީން ލިއްބައިދީފައިވާ ބާރަކަށްވީހިނދު އެ މަސްއޫލިއްޔަތު ދިވެހި ސަރުކާރުން ފުރިހަމައަށް ކަށަވަރުކުރާނަމެވެ." ބަޔާނުގައިވެއެވެ.

މޮރިޝަސްއިން އިޓްލޮސްއަށް މައްސަލަ ހުށައެޅުމާއެކު، އިޓްލޮސް މެދުވެރިކޮށް މިމައްސަލައަށް ޙައްލުހޯދައި ރާއްޖޭގެ އެންމެ މަތީ މަސްލަހަތު ހިމާޔަތްކުރުމަށް ދިވެހިރާއްޖޭގެ ސަރުކާރުން ނިންމެވީ ވަޒީރުންގެ މަޖީލީހުން އެކަމާ ގުޅޭގޮތުން މަޝްވަރާކުރެއްވުމަށް ފަހުއެވެ.

ސަރުކާރުން ބުނީ ލިޔެވިފައިވާ ޤާނޫނު އަސާސީއެއްގެ ތަރަހައިގެ ތެރޭގައި ވެރިކަމެއް ރާއްޖޭގައި ކުރަމުންދާތާ ޤަރުނަކާ ގާތްވާއިރު، އަދި އެއަށްވުރެ ދުރު މާޒީއަށް ބެލިނަމަވެސް، ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނުގައި ބުނެފައިވާ ގޮތާ ޚިލާފަށް، ޗާގޯސް އާކިޕެލާގޯގެ މައްޗަށް ދިވެހިރާއްޖޭގެ ސިޔާދަތީ ބާރު ހިނގާކަމަށް އެއްވެސް އިރެއްގައި ރާއްޖެއިން ދަޢުވާ ކޮށްފައިނުވާކަމަށެވެ.

"ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ބަޔާނަކީ ދިވެހި ރައްޔިތުންނަށް އޮޅުވާލުމަށާއި ރައްޔިތުންގެ މެދުގައި ނުހަނު ޚައްސާސް މައްސަލައެއްގައި ސިޔާސީ މަންފާ ހޯދުމަށް ހިންގާފައިވާ ދަށުދަރަޖައިގެ ޢަމަލެކެވެ. މިކަން އެންމެ ސާފުވާކަމަކީ، 2019 މޭ 24 ގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ނެރުނު ބަޔާނުގައި ޗާގޯސްގެ މައްޗަށް ސިޔާދަތީ ބާރު އޮތްކަމަށް މޮރިޝަސްއިން ކުރާ ދަޢުވާގައި މޮރިޝަސްއަށް ނުހަނު ތާއީދުކޮށް، ޗާގޯސް އާކިޕެލާގޯ މޮރިޝަސްއަށް އަނބުރާ ދިނުމަށް ގޮވާލި އ.ދ.ގެ ޢާއްމު މަޖިލީހުގެ ޤަރާރާ ދެކޮޅަށް ރާއްޖެއިން ވޯޓުލުމާ ގުޅިގެން ދިވެހިރާއްޖޭގެ ސަރުކާރުން މޮރިޝަސްގެ ރައްޔިތުންގެ ކިބައިން މަޢާފަށް އެދެންޖެހޭނެކަމަށް ބުނެފައިވާތީއެވެ. އަދި އެވޯޓަކީ މޮރިޝަސްގެ ރައްޔިތުންގެ ޙައްޤުތަކަށް އަރައިގަތް ވޯޓެއްކަމަށް ވެސް ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން އޭރު ބުނެފައިވެއެވެ." ބަޔާނުގައިވެއެވެ.

ސަރުކާރުން ބުނީ ޕީޕީއެމުން މިހެން ބުނެފައިވީ ނަމަވެސް، އެޕާޓީގެ ސަރުކާރުން 2017 ޖޫން 22 ގައި ވަނީ ޗާގޯސްގެ މައްސަލާގައި އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ އިސްތިޝާރީ ލަފައަކަށް އެދި މޮރިޝަސްއިން އ.ދ.ގެ ޢާއްމު މަޖިލީހަށް ހުށަހެޅި ޤަރާރާ ދެކޮޅަށް ވޯޓު ލާފައިކަމަށެވެ.

މިފަދަ މައްސަލައެއްގައި ދިވެހި ޢާއްމު ރައްޔިތުންނާއި ބައިނަލްއަޤުވާމީ މުޖުތަމަޢަށް އޮޅުން އަރާގޮތަށް ސިޔާސީ ޕާޓީތަކުން ކުރާ މަސައްކަތްތަކާމެދު ދިވެހި ސަރުކާރުން ހިތާމަކުރާކަމަށްވެސް ބަޔާނުގައިވެއެވެ. އަދި ދިވެހިރާއްޖެއާއި ޗާގޯސް އާކިޕެލާގޯއާ ދެމެދު ކަނޑުގެ އިން ވަކިކުރުމުގެ މައްސަލައިގައި ރާއްޖެއިން ހުށަހަޅާފައިވާ ކަންކަމަށް ރިޢާއަތްކޮށް، ޢަދުލުވެރިކަމާއި އިންސާފުވެރިކަމާއެކު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ އިން މި މައްސަލަ ނިންމާނެކަމާމެދު ދިވެހި ސަރުކާރުގެ ފުރިހަމަ އިތުބާރު އޮތްކަމަށްވެސް ސަރުކާރުން ނެރުނު ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު