ހޫނުގަދަ ދުވަސްވަރަކަށްވުމުން ޖަލު ގޮޅިތަކަށް ސަމާލުކަން ދިނުމަށް ހިއުމަން ރައިޓްސް ކޮމިޝަނުން ކަރެކްޝަނަަށް އަންގައިފިއެވެ.

އެޗްއާރުސީއެމުން ނެރުނު ބަޔާނެއްގައި ބުނީ މިއަހަރު ރާއްޖެއަށް އާދަޔާ ޚިލާފަށް ހޫނު ގަދަވެފައިވާކަން މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކިށްފައިވާކަމަށާއި އަދި މާލެ ހިމެނޭ ސަރަހައްދުގައިވެސް އިޙުސާސުކުރެވޭ ހޫނުމިން 43 ޑިގްރީ ސެސްލިއަސްއާ ހަމައަށް މަތިވެފައިވާކަމަށް މެޓް އޮފީހުގެ މަޢުލޫމާތުން ފާހަގަވާކަމަށެވެ.

އެޗްއާރުސީއެމުން ބުނީ ކަރެކްޝަންސް އަދި ފުލުހުންގެ ބެލުމުގެ ދަށުން މީހުން ބަންދުގައި ބައިތިއްބާ ތަންތަނަށް އެކިފަހަރުމަތިން ކުރާ ޒިޔާރަތްތަކުގައި، އެ ތަންތަނުގައި އާއްމު ދުވަސްތަކުގައިވެސް ހޫނު ގަދަކަން ފާހަގަވާކަމަށެވެ. މީގެއިތުރުން ގޮޅިތަކުގައި ވައި ދައުރުވުމުގެ މައްސަލަ ހުރިކަންވެސް އެޗްއާރްސީއެމުން ފާހަގަކުރެއެވެ.

މިކަންކަން މިހެން ހުރުމުން ތަންފީޒީ އިދާރާތަކުން އެކަމަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް އެޗްއާރްސީއެމުން އިލްތިމާސްކޮށްފައި ވެއެވެ. އެގޮތުން ޖަލުތަކާއި، ޖުވެނައިލް ޑިޓެންޝަން ސެންޓަރ، އިމިގްރޭޝަން ޑިޓެންޝަން ސެންޓަރ، ދިވެހި ފުލުހުންގެ ބެލުމުގެ ދަށުން ހިންގާ ކަސްޓޯޑިއަލް ޖަލުތަކާއި ނެޝަނަލް ރީ-އިންޓަގްރޭޝަން ސެންޓަރާއި މާލޭގައާއި އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުގައި މީހުން ބަންދުކޮށް ބެއިތިއްބުމުގައި މިކަމަށް ސަމާލްވުމަށް ވަނީ އަންގާފައެވެ.

މީގެއިތުރުން ގޮޅިތައް އިތުރަށް ހޫނުވިޔަ ނުދިނުމަށް ހަމަޖައްސަންޖެހޭ އެންމެހާ އިންތިޒާމުތައް ހަމަޖެއްސުމަށް އެދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އަދި ދިވެހި ފުލުހުންގެ ޚިދުމަތަށްވެސް ވަނީ އަންގާފައެވެ.



ކިޔުންތެރިންގެ ހިޔާލު