ޗާގޯސްގެ މައްޗަށް ސިޔާދަތީ މިލްކުވެރިކަން އޮންނާނީ މޮރިޝަސްއަށްކަމަށް ބުނެ އެއްވެސް ފަރާތަކަށް ދިވެހި ސަރުކާރުން ލިޔުމެއް ފޮނުވާފައިވާނަމަ، އެ ލިޔުމެއް ޤާނޫނުއަސާސީއާ ޚިލާފުކަމަށް ކަނޑައަޅައި، ބާޠިލު ކޮށްދެއްވުމަށް އެދި ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު ސުޕްރީމް ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅުއްވައިފިއެެވެ.

ޗާގޯސް މައްސަލައިގައި ސުޕްރީމް ކޯޓަށް މިއަދު ދުސްތޫރީ މައްސަލަ ހުށަހެޅުއްވީ ޢުމަރު ނަސީރު ހ.ދޮންޖޭމުގެ، މުހައްމަދު މުސްތާގް، ޖަންކަރ އަދި ލ.ކާނަލް (ރޓޑ) ޒުބައިރު އަޙުމަދު މަނިކެވެ.

އެމީހުން ހުށަހެެޅި މައްސަލަައިގައި ބުނީ ފޯޅަވަހީގެ މައްޗަށް ސިޔާދަތީ މިލްކުވެރިކަން އޮންނާނީ މޮރިޝަސްއަށްކަމަށް ޤަބޫލުކުރާ ކަމަށް ބުނެ، ދައުލަތުގެ އެއްވެސް ބޭފުޅެއްގެ ނަންފުޅުގައި މޮރިޝަސްގެ ރަސްމީ އެއްވެސް ފަރާތަކަށް ނުވަތަ ބައިނަލްއަޤްވާމީ އެއްވެސް ފަރާތަކަށް އެއްވެސް ލިޔުމެއް ފޮނުއްވައިފައިވާވާނަމަ، އެ ލިޔުމަކީ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއާ ޚިލާފަށް ޣައިރުދުސްތޫރީ އަދި ޣައިރު ޤާނޫނީ ގޮތުގައި ފޮނުވައިފައިވާ ލިޔުމެއް ކަމުގައިވާނޭކަން ކަށަވަރުކަމާ އެކު އެނގޭކަމަށެވެ. އެހެންކަމުން އެފަދަ ލިޔުމެއް ފޮނުއްވައިފައިވާނަމަ އެ ލިޔުމެއް ޤާނޫނުއަސާސީއާ ޚިލާފުވާކަމަށް ކަނޑައަަޅައި، ބާޠިލު ކޮށްދެއްވުމަށް މައްސަލައިގައި ވަނީ އެދިފައެވެ.

ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި ވަނީ ޗާގޯސް މައްސަލައިގައި ފާހަގަކުރެވޭ ކަންކަން ފާހަގަކޮށްފައެވެ.

މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަަޅާފައިވާއިރު ޗާގޯސްގެ މިލްކުވެރިކަމާއި ގުޅޭގޮތުން ބައިނަލްއަޤްވާމީ ޓްރައިބިއުނަލަށް ހުށަހަޅާފައިވާ މައްސަލައިގައި މާދަމާ ގޮތެއް ނިންމާނެއެވެ.



ކިޔުންތެރިންގެ ހިޔާލު