އަސްކަރީ ޚިދުމަތުގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަންމަތީ 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުނުކުރެވޭފަދަ އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ އަލްމަރުޙޫމް މޭޖަރ ޢަލީ ސަލީމުގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި މިރޭ ބާއްވައިފިއެވެ.

މަރުޙޫމް މޭޖަރ ޢަލީ ސަލީމުގެ ޖަނާޒާ ރަސްމީ ޢިއްޒަތުގައި ބާއްވާފައިވަނީ މިރޭގެ އިޝާ ނަމާދަށް ފަހު މަސްޖިދުއްތަޢާވުން 'އާސަހަރާ މިސްކިތު'ގައެވެ.

ޢަސްކަރީ އާދަކާދައާއި އުޞޫލުތަކާއެއްގޮތަށް ބޭއްވުނު މި ޖަނާޒާގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަތީފާއި، ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ ގިނަ ޢަދަދެއްގެ ސިފައިންނާއި އާންމުން ބައިވެރިވިއެވެ.

މިއަދު ހަވީރުން ފެށިގެން އަލްމަރުޙޫމް މޭޖަރ ޢަލީ ސަލީމުގެ މޫނުދެއްކުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވާއިރު، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަހީމް ޢަބްދުއްލަތީފް ވަނީ އާސަހަރާއަށް ޒިޔާރަތްކުރައްވައި އަލްމަރުޙޫމް މޭޖަރ ޢަލީ ސަލީމުގެ ޢާއިލާގެ ބޭފުޅުންނާ ބައްދަލުކުރައްވާ ތަޢުޒިޔާ ދަންނަވާފައެވެ.

މަރުޙޫމް މޭޖަރ ޢަލީ ސަލީމަކީ އަސްކަރީ ޚިދުމަތުގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަންމަތީ 34 އަހަރަށްވުރެ ދިގު މުއްދަތެއްގައި އަގުނުކުރެވޭފަދަ އެތައް ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭކަލެކެވެ. ޚާއްޞަކޮށް އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގައި ފަޔަރ ފައިޓަރުން ތަމްރީން ކުރުމަށް ގިނަގުނަ ޚިދުމަތްތަކެއް ކުރައްވާފައިވާ ބޭކަލެކެވެ.

އަސްކަރީ ޚިދުމަތުގައި މަރުޙޫމް މޭޖަރ ޢަލީ ސަލީމް އަދާކުރައްވާފައިވާ މަޤާމުތަކުގެ ތެރޭގައި އެމްއެންޑީއެފް ސަދަން އޭރިއާގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމާއި އެމްއެންޑީއެފް ފަޔަރ އެންޑް ރެެސްކިޔު ސަރވިސްގެ ޑެޕިއުޓީ ކޮމާންޑަރުގެ މަޤާމާއި ފަޔަރ އެންޑް ރެސްކިޔު ޓްރެއިނިންގ ސްކޫލުގެ ކޮމާންޑިންގ އޮފިސަރގެ މަޤާމު ހިމެނެއެވެ. މީގެ އިތުރުން އެމްއެންޑީއެފްގައި ހެދިފައިވާ އެކިއެކި ބޯޑުތަކާއި ކޮމިޓީތަކުގައިވެސް މަރުޙޫމް މޭޖަރ ޢަލީ ސަލީމްވަނީ ގިނަ ޚިދުމަތްތަކެއްކުރައްވާފައެވެ. އެގޮތުުން އެމްއެންޑީއެފް ވެލްފެއަރ ބޯޑާއި އެމްއެންޑީއެފް ސޭފްޓީ ބޯޑުގެ އިތުރުން ޓްރެއިނިންގ ރިސާރޗް އެންޑް އިވެލުއޭޝަން ކޮމިޓީގެ މެންބަރުކަން ވަނީ ކުރައްވާފައެވެ. މީގެ އިތުރުން އެމްއެންޑީއެފް ވެލްފެއަރ ބޯޑްގެ ވައިސް ޗެއަރމަންކަންވެސް ވަނީ ކުރައްވާފައެވެ.

މަރުޙޫމް މޭޖަރ ޢަލީ ސަލީމް ނިޔާވިއިރު ހުންނެވީ އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފައިނޭންސް ޕްރޮކިއުމަންޓް އެންޑް ލޮޖިސްޓިކްސްގެ ޑައިރެކްޓަރގެ މަޤާމުގައެވެ.



ކިޔުންތެރިންގެ ހިޔާލު