ބޭރު ކުންފުނިތަކަކުން ގިނަ އަދަދެއްގެ މުދާ ގެނައުމަށްފަހު މަކަރާއި ހީލަތް ހަދާފައިވާ މައްސަލައިގައި މީހެއްގެ މައްޗަށް 23 ދައުވާއެއް ކުރުމަށް ކޯޓަށް ހުށަހަޅައިފިއެވެ.

މި ދައުވާތައް އުފުލާފައިވަނީ މއ. ހަނީސަކްލް-1 ޙުސައިން ޝިފާޢުގެ މައްޗަށެވެ.

އޭނާގެ މައްޗަށް ދައުވާކުރަނީ އިތުރު މީހަކާ ބައިވެރިވެގެން "ކިންގްޑަމް އޮފް ފުރުޓްސް" ނަމުގައި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރި ކުންފުންޏެއް މެދުވެރިކޮށް ރާއްޖެއިން ބޭރުގެ ކުންފުނިތަކުގެ މުދާ ރާއްޖެ އެތެރެކޮށް އެ މުދަލަށް ބޭރު ކުންފުނިތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގައި މަކަރާއި ޙީލަތް ހަދާފައިވާ މައްސަލައިގައެވެ.

އޭނާގެ މައްޗަށް އުފުލާފައިވާ 23 ދައުވާއަކީ އެނގިހުރެ ޞައްޙަނޫން ލިޔުމެއް ދިނުމުގެ ކުށުގެ 9 ދަޢުވާއާއި، މަކަރާއި ޙީލަތް ހެދުމުގެ ކުށުގެ 7 ދަޢުވާއާއި، މަނީ ލޯންޑްރިންގގެ ކުށުގެ 7 ދަޢުވާއެކެވެ.

މި ދަޢުވާތައް ސާބިތުވެއްޖެނަމަ މަދުވެގެން 38 އަހަރުގެ ޖަލު ޙުކުމެއް އަންނާނެއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނީ ޙުސައިން ޝިފާޢު މިކުށުގެ ޢަމަލު ހިންގާފައިވަނީ ރާއްޖެއިން ބޭރުގެ އެކި ކުންފުނިތަކުން އޭނާ ގަނެފައިވާ ތަކެއްޗަށް ފައިސާ ދިންކަމަށް ދެއްކުމުގެ ގޮތުން ޞައްޙަނޫން ލިޔުން އުފައްދައި ހުށަހަޅައިގެން ކަމަށެވެ. އެގޮތުން މި މައްސަލައިގައި ހިމެނޭ ފައިސާގެ އަދަދަކީ 123،844.54 (އެއްލައްކަ ތޭވީސްހާސް އަށްސަތޭކަ އަށްޑިހަ ހަތަރެއް ޕޮއިންޓް ފަހެއް ހަތަރެއް) އެމެރިކާ ޑޮލަރެވެ.

ޕީޖީން ބުނީ ދައުވާގައި މި ފައިސާ ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައިވާނޭކަމަށެވެ.



ކިޔުންތެރިންގެ ހިޔާލު