ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ހައްލުކުރުމަށް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމާއިމެދު ސުވާލު އުފެދިފައިވާކަމަށް މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން، އެމްޖޭއޭއިން މިއަދު ބުނެފިއެވެ.

މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަން، އެމްޖޭއޭއިން މިހެން ބުނީ މަސްދަރު ހާމަކުރުމާއި ގުޅޭގޮތުން ހެއްކާބެހޭ ޤާނޫނުގައި ހުރި ކަންކަން އިސްލާހު ކުރުމަށް ހުށަހެޅި ބިލު މަޖިލީޙުން ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލުމުން އެކަމާއި ކަންބޮޑުވުން ފާޅުކޮށް ނެރުނު ބަޔާނުގައެވެ.

ހެއްކާއިބެހޭ ގާނޫނޫގައި ބުނެފައިވަނީ ބައެއް ހާލަތްތަކުގައި ޝަރުއީ ކޯޓަކަށް ނޫސްވެރިޔާގެ މަސްދަރު ހާމަކުރަން އެންގުމުގެ ބާރު ގާނޫނުން ދެވިދާނެ ކަމަށެވެ. އެގޮތުން ޓެރަރިޒަމް އަދި ގައުމީ ސަލާމަތާ ގުޅޭ މައްސަލަތަކުގައި މަސްދަރު ހާމަކުރުމަށް ނޫސްވެރިޔާގެ މައްޗަށް ކޯޓަށް އަމުރު ކުރެވިދާނެ ކަމަށް އެ ގާނޫނުގައި ބުނެފައިވެއެވެ. އެހެންކަމުން ކޯޓު މެދުވެރިކޮށް މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް އެންގުމުގެ ފުރުސަތު ވަނީ ހުޅުވިފައެވެ.

ގާނޫނުގައި މަސްދަރު ހާމަކުރަން ލާޒިމްކޮށްފައިވާ ކަންކަމާ ގުޅިގެން ބައެއް ނޫސްވެރިން ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި އެކަމާއި ގުޅިގެން ސަރުކާރާއި މަޝްވަރާކުރުމުން ސަރުކާރުން ވަނީ ހެއްކާބެހޭ ގާނޫނުގައި ހުރި ނޫސްވެރިން ކަންބޮޑުވާ މާއްދާތައް އިސްލާހުކުރުމަށް ބިލެއް މިދިޔަ އޮކްޓޯބަރުމަހު މަޖިލީހަށް ފޮނުވާފައެވެ.

އެ ބިލުގެ ކޮމިޓީ މަރުހަލާ ނިމުނީ މިމަހުއެވެ. އަދި އެ ބިލާއި މެދު ގޮތެއް ނިންމުމަށް މިއަދު ވަނީ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާކޮށްފައެވެ.

ކޮމިޓީން ދިރާސާކުރުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވި ރިޕޯޓްގައިވެސް އެމްޖޭއޭއިން އެދުނު ބަދަލުތައް ހިމެނުނުކަމަށް އެ ޖަމުއިއްޔާއިން ބުނެއެވެ. އޭގެ ތެރޭގައި މަސްދަރު ހާމަކުރުމަށް އެދެވޭނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ކަމާއި، އެ ގޮތަށް އެދެވެނީ ފުރަތަމަ މަރުހަލާގައިވެސް ހައިކޯޓުގައިކަމަށް ހިމެނުން ހިމެނެއެވެ. މީގެއިތުރުންވެސް ގިނަ ކަންތައްތަކެއް ހިމަނާފައިވެއެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި ބިލާއި މެދު ގޮތެއް ނިންމުމަށް ވޯޓަށް އެހުމުން ފާސްކުރުމުގެ ބަދަލުގައި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ ތެރެއިން 31 މެންބަރުންގެ އަޣުލަބިއްޔަތުން ނިންމެވީ ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލުމަށެވެ.

އެމްޖޭއޭއިން ނެރުނު ބަޔާނެއްގައި ބުނީ، މާދަމާއިން ފެށިގެން ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށް ދާއިރު ކޮމިޓީ މަރުހަލާ ނިމިގެން އަނެއްކާ ވެސް ބިލު ތަޅުމަށް އަންނާނެ ދުވަހެއް ނޭނގޭތީ، ނޫސްވެރިން އަނެއްކާވެސް ބިރުވެރި ކަމެއްގެ ތެރެއަށް ގޮސްފައިވާ ކަމަށެވެ. އަދި މަސްދަރާއި ގުޅޭ މާއްދާތަކުގައި ނޫސްވެރިންގެ ހުރި ކަންބޮޑުވުންތައް ސަރުކާރުގެ ހެޔޮ ނިޔަތެއް އޮތްކަމާއިމެދު ސުވާޅު އުފެދޭކަމަށްވެސް އެ ޖަމުއިއްޔާއިން ނެރުނު ބަޔާނުގައިވެއެވެ.



ކިޔުންތެރިންގެ ހިޔާލު