ހަސަން ކުރުސީގެ ނަމުގައި ޓްވީޓަރ އެކައުންޓް ހިންގާ ފަރާތެއް ހޯދަން ފުލުހުން މަސައްކަތް ފަށައިފިއެވެ.

ހަސަން ކުރުސީގެ ނަމުގައި ޓްވީޓަރ އެކައުންޓް ހިންގާ ފަރާތެއް ހޯދަން ފުލުހުން މަސައްކަތް ފަށާފައި މިވަނީ ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވީޓަރ އެކައުންޓްގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ފުލުހުންގެ ޚިދުމަތަށް ހުށަހަޅުއްވާފައިވަނިކޮށެެެވެ.

ހަސަން ކުރުސީގެ ނަމުގައި ހިންގާ ޓްވީޓަރ އެކައުންޓަކީ ރައީސް ސާލިހަށް ވަރަށް ބޮޑަށް ފާޑުކިޔާ އެކައުންޓެކެވެ. އަދި އެ އެކައުންޓުން އެކި މީސްމީހުންނަށް ބޮޑެތި ތުހުމަތުވެސް ކޮށްފައި ހުރެއެވެ. އަދި ސަރުކާރާއި ސަރުކާރާއި ގުޅުންހުރި އެކި ފަރާތްތަކުގެ ކޮރަޕްޝަންގެ ތުހުމަތުތައް ކުރެވޭ އެކި ލިއުންތައްވެސް އެ އެކައުންޓުން ދަނީ ހާމަކުރަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންގެ ސައިބަރ ކްރައިމް ޑިޕާޓްމަންޓުން މިހާރު ދަނީ ކުރުސީގެ ނަމުގައި އެކައުންޓް ހިންގާ މީހެއް ނުވަތަ ބަޔަކު ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. ނަމަވެސް މިއީ ރައީސް ނަޝީދު ހުށަހެޅުއްވި މައްސަލައާއި ގުޅިގެން ކުރާ މަސައްކަތެއް ނޫންކަމަށާއި މިއީ ރައީސް އޮފީހުން އަންގައިގެން ކުރަމުންދާ މަސައްކަތެއް ކަމަށްވެސް މައުލޫމާތުލިބެއެވެ.

ފުލުހުން ކުރުސީ ހޯދަމުންދަނީ މޮރިޝަސް ސަރުކާރަށް ރައީސް އޮފީހުން ފޮނުވި ސިޓީޢެއްކަމަށް ބުނާ އަސްލެއް ނެތް ސިޓީއެއް އާއްމުކުރުމުންނެވެ.



ކުރުސީ ހޯދުމުގެ މަސައްކަތް ދިވެހި ފުލުހުން ފެށުމުން އޭނާ މިހާރު ވަނީ ބައިނަލްއަޤްވާމީ އެހީތެރިކަމަށް އެދިފައެވެ. ކުރުސީ ބުނީ އޭނާއަކީ ކޮރަޕްޝާނާއި ދެކޮޅު އަދި އިންސާނީ ހައްގުތަކަށް ވަކާލާތު ކުރާ މީހެއް ކަމަށެވެ. އަދި މިހާރު ކަންކަން ހިނގަމުންދާ ގޮތުން އޭނާއާއި އޭނާއަށް މައުލޫމާތު ފޯރުކޮށްދޭ ފަރާތްތަކަށް ނުރައްކަލެއް އޮތުމުގެ ފުރުސަތު ބޮޑުކަމަށް އޭނާވަނީ ބުނެފައެވެ. އަދި އޭނާވަނީ މިކަން ބޭރުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެނަސްފައެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި އެއީ ރައީސް ނަޝީދާއި ގުޅުން އޮތް ޓްވިޓަރ އެކައުންޓެކެވެ.



ކިޔުންތެރިންގެ ހިޔާލު