މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭ މެދުވެރިކޮށް ވިއްކާ ޑޮލަރުގެ ބޮޑުބައެއް އެސްއޯއީތައް ނުވަތަ ސަރުކާރު ކުންފުނިތަކުން ނަގާތީ މޯލްޑިވްސް ނެޝަނަލް ޕާޓީ، އެމްއެންޕީގެ ނައިބު ރައީސް އަހުމަދު ޝަރީފް ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޝަރީފް މިކަންބޮޑުވުން ފާޅުކުރެއްވީ އެމްއެމްއޭއިން މިދިޔަ އަހަރު ވިއްކި ޑޮލަރުގެ 70 އިންސަައްތަ ގަނެފައިވަނީ ސަރުކާރު ކުންފުނިތަކުންކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވަނިކޮށެވެ. އެގޮތުން މިދިޔަ އަހަރު އެމްއެމްއޭ މެދުވެރިކޮށް ދޫކުރި ޑޮލަރުގެ ތެރެއިން 726 މިލިއަން ޑޮލަރު އެސްއޯއީތަކަށް ވަނީ ވިއްކާފައެވެ.

އެމްއެންޕީގެ ނައިބު ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ރާއްޖޭގައި ޑޮލަރު ލިބެން ހުރި ދިމާލަކުން އެސްއޯއީތަކުން ޑޮލަރުތައް ނަގަމުންދާކަމަށެވެ. އެގޮތުން ބެންކުތަކާއި އެމްއެމްއޭއިން ދޫކުރާ ޑޮލަރުވެސް އެސްއޯއީތަކުން ނަގަމުންދާކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ މިކަންކަމުގެ ސަބަބުން ޑޮލަރުގެ ކަޅު ބާޒާރު އުފެދުމަށް މަގުފަހިވާކަމަށެވެ.

"މިއީ އަހަރެން ދައްކާވާހަކަ، ރާއްޖޭގެ ބެންކުތަކުގައި ހުރި ހުރިހައި ފައިސާއެއް ސަރުކާރުން ލޯނުގެ ގޮތުގައި އެބަނަގާ، ޕެންޝަން ފަންޑު އެއްކޮށް ހުސްކޮށްލައިފި، ދެން އެމްއެމްއޭއިން ބެންކުތަކަށް ދޫކުރާ ޑޮލަރު ސަރުކާރުގެ ކުންފުނިތަކުން ނެގީމަ، ދެން ކަޅުބާޒާރު ބޮޑުވަނީ" ޝަރީފް ވިދާޅުވިއެވެ.

އެމްއެމްއޭއިން މިދިޔަ އަހަރު ރާއްޖޭގެ ބޭނުންތަކަށް 993.7 މިލިއަން ޑޮލަރު ދޫކުރިއިރު އޭގެތެރެއިން 726 މިލިއަން ޑޮލަރު ވިއްކާފައިވަނީ އެސްއޯއީތަކަށެވެ. ބޭރަށް ފުރާ މީހުންނަށް ވިއްކާފައިވަނީ 60.9 މިލިއަން ޑޮލަރެވެ. އަދި ބޭންކުތަކަށް ވަނީ 267.7 މިލިއަން ޑޮލަރު ދޫކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު